ސަރުކާރުން ޓެކްސީ ވިޔަފާރި އަށް ވަނުމަކީ އެތަށް ބަޔަކަށް ލިބިގެންދިޔަ ގެއްލުމެއް ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރުމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.
އަދި އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވާލުމަށް ކަމަށާއި ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ސަރުކާރަށް ހަމަ ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ. މި ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.
އީވީ ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އިރު، މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
ނަމަވެސް މިއަދުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ވަރަށް ޒަރޫރީ ހިދުމަތަތަކަށްވުމާ އެކު، އީވީ ޓެކްސީ ލައިން ވާނީ މާލެ ސަރަހައްދުގައި ޓެކްސީ ހޯދަން ދިމާވެފައިވާ ދަތިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށާއި ލުޔަކަށް ކަމަށެވެ. އަދި މިއީ ސަތޭކަ ޕަސަންޓް އީވީ ހިދުމަތަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވަނީ އާންމު ޓެކްސީ ހިދުމަތުގެ ތެރެއަށް ވަންނަން ސަރުކާރުން ނޫޅޭ ކަމަށާއި ބޭނުން ވަނީ ޓެކްސީ ހިދުމަތްތައް ރަނގަޅަށް ރެގިއުލޭޓްކޮށް، ކަނޑައަޅާ ސްޓޭންޑާޑެއްގެ ދަށުން އެ ހިދުމަތް ދެވޭނެ އިންތިޒާމެއް ކަނޑައަޅަން ކަމަށްވެސް ވިދާޅުވެފަ އެވެ.