Last Updated: July 18, 10:55
Friday, July 18, 2025
ކުޅިވަރު

ފަހު ވަގުތު އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި އެވަޓަން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާއެކު ލީގުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 24 މެޗުން 57 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 24 މެޗުން 50 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 24 މެޗުން 47 ޕޮއިންޓު ހޯދައިގެން އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ.

މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އެވަޓަން އިންނެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓްގައި މި ގޯލު އެވަޓަން އަށް ކާމިޔާބުކޮށްދިނީ ބެޓޯ ކަމަށްވާއިރު، އޭގެ ފަސް މިނެޓް ފަހުން އެލެކްސިސް މެކަލިސްޓާ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ އެވަޓަންގެ އޭރިއާ ތެރެއަށް މުހައްމަދު ސަލާ ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން މެކަލިސްޓާ ކާމިޔާބުކުރި ގޯލެކެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ދެވަނަ ހާފުގައި ފެނިގެންދިޔައިރު، މެޗުގެ 73 ވަނަ މިނެޓްގައި ސަލާ ވަނީ ލިވަޕޫލަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު ލިވަޕޫލް މޮޅުވާން ދަނިކޮށް، މެޗުގެ އެންމެ ފަހު ސިކުންތުކޮޅުތެރޭ ޖޭމްސް ޓާކޯސްކީ ވަނީ އެވަޓަނަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ޓާކޯސްކީ މި ގޯލު ކާމިޔާބު ކުރީ ލިވަޕޫލްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

މެޗަށް ފަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ރެފްރީ ވަނީ ލިވަޕޫލްގެ ކާޓިސް ޖޯންސް އަދި އެވަޓަންގެ އަބްދުﷲ ޑޮކޫރޭ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. އޭގެއިތުރުން ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް އާއި އެޓީމުގެ އެސިސްޓެންޓް ކޯޗު ސިޕްކޭ ހުލްޝޮފަށް ވެސް ރަތްކާޑު ދައްކާފައިވެ އެވެ.