ޑާކް ރެއިން އެންޓަޓައިންމަންޓުން މި އަހަރު ގެނެސްދޭން ނިންމާފައިވާ ފުރަތަމަ ފިލްމު "ޕްރޮޖެކްޓް 37" ގެ ޝޫޓިން ނިންމާލައިފި އެވެ.
ރަސްމީ ނަން އަދި ހާމަނުކުރާ މި ފިލްމަކީ މީގެ މުހިއްމު ރޯލެއް ވެސް ކުޅެފައިވާ ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "ޕްރޮޖެކްޓް 37" ހަދާފައި ވަނީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދުން ރިވެންޖެ އެކްޝަން ތުރިލާ "ފުރޭތަ" ވެސް ލިޔުނު އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕްރޮޖެކްޓް 37" ގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު ޝާއްކޮ (އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް އަދި ޖޭމް އައްލޯ ހިމެނެ އެވެ.
މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި ނުނިންމަ އެވެ. ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި "ޕްރޮޖެކްޓް 37" ގެ ޝޫޓިން މީގެ ދެ ދުވަސް ކުރިން ނިންމާލައި އެ ސްޓޫޑިއޯ އިން މިހާރު ވަނީ އާ ސީރީޒް، "ފެށުމާއި ނިމުން" ގެ މަސައްކަތް ފަށައިފަ އެވެ.