އިންޑިއާގެ ހުނަރުވެރި އެކްޓަރު އަނޫޕަމް ކޭރް، އޭނަގެ ކެރިއަރުގެ 544 ވަނަ ފިލްމަށް ސޮއިކޮށްފި އެވެ.
މިކަން އިންސްޓަގްރާމް ޕޯސްޓެއްގައި ހިއްސާކޮށް އޭނަ މިއަދު ބުނީ އަދި ރަސްމީކޮށް ނަން އިއުލާން ނުކުރާ މި ފިލްމުގެ ބަތަލަކީ "ބާހްބަލީ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި ތެލެގޫ އެކްޓަރު ޕްރަބާސް ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރަކީ ހަނީ ރާގަވަޕުޅީ އެވެ.
އަނޫޕަމް އަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކުން ފުރުސަތު ލިބޭ އެކްޓަރެއްގެ އިތުރުން އިންޓަނޭޝަނަލް ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތްކުރާ އެކްޓަރެކެވެ. އޭނަ ހޮލީވުޑްގެ ބައެެއް ފިލްމުތަކާއި ސީރީޒްތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އަނޫޕަމް، 69، ގެ އެންމެ ފަހުގެ ބޮލީވުޑްގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ކަންގަނާ ރަނާވަތުގެ "އިމަޖެންސީ" އެވެ.
ބަތަލާ ކިރަން ކޭރްގެ ފިރިމީހާ އަނޫޕަމަކީ އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ. އޭނަ ޑައިރެކްޓްކުރާ ދެވަނަ ފިލްމަކީ މިދިޔަ އަހަރު މަސައްކަތް ފެށި "ތަންވީ، ދަ ގްރޭޓް" އެވެ.