ޑައިރެކްޓަރު އިމްތިއާޒް އަލީ ހަދަން ތައްޔާރީތައްވަމުން އަންނަ ލޯބީގެ ފިލްމަކުން ޒުވާން ބަތަލާ އަނަންޔާ ޕާންޑޭ އަށް ލިބުނު ފުރުސަތު އޭނަ ދޫކޮށްލުމާ ގުޅިގެން އޭގެ ބަތަލާގެ ރޯލު މިހާރު ޝަރްވާރީ ވާގް އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޒުވާން އެކްޓަރު ވެދާންގް ރައިނާ ލީޑް ބަތަލުގެ ރޯލު ކުޅެން ހަމަޖެހިފައިވާ ފިލްމު އަނަންޔާ ދޫކޮށްލީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް ކާތިކް އާރިއަން ދާދި ފަހުން ސޮއިކުރި "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ބަތަލާގެ ރޯލު އަނަންޔާ އަށް ދޭން ނިންމުމާ ގުޅިގެން ކަމަށެވެ.
އެ ފިލްމުގެ ބަތަލާގެ ރޯލަށް ޝަރްވާރީ ވެސް ޝޯޓްލިސްޓް ކުރި ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ބަތަލާ އަކީ ކާކުކަން ރަސްމީކޮށް އަދި އޮތީ އިއުލާން ނުކޮށެވެ.
ޝަރްވާރީ އަކީ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. އޭނަ މިހާތަނަށް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރުގެ "މަހާރާޖް" އާއި "ވޭދާ" ހިމެނެ އެވެ. މި އަހަރު ރިލީޒްކުރާ އާލިއާ ބަޓްގެ "އަލްފާ" އިން ވެސް ޝަރްވާރީ ފެންނާނެ އެވެ.
"ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އިމްތިއާޒްގެ އާ ފިލްމުގައި ވެދާންގް އާއި ޝަރްވާރީގެ އިތުރުން އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމު ކަމަށްވާ މިދިޔަ އަހަރުގެ "އަމަރް ސިންގް ޗަމްކީލާ" ގެ ބަތަލު ދިލްޖީތު ދޮސަންޖްގެ އިތުރުން ނަސީރުއްދީން ޝާހް ވެސް ހިމެނޭ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި މިއީ ޕީރިއަޑް ލަވް ސްޓޯރީއެކެވެ.
އިމްތިއާޒް މިހާރު އަންނަނީ "އޮ ސާތީ ރޭ" ކިޔާ ވެބް ސީރީޒެއް ހަދަން ތައްޔާރުވަމުންވެ. އޭގެ މައިގަނޑު ކާސްޓްގައި ހިމެނެނީ އަދިތީ ރާއޯ ހައިދަރީ އާއި އަވިނާޝް ތިވާރީ އާއި އަރުޖުން ރާމްޕާލްގެ އިތުރުން އަހްސާސް ޗަންނާ އެވެ.
އަހްސާސް އަކީ ކަރަން ޖޯހަރް 2005 ގައި ގެނެސްދިން "ކަބީ އަލްވިދާ ނާ ކެހެނާ" ގައި ޝާހްރުކް ޚާނާއި ޕްރިތީގެ ޒިންތާގެ ދަރިފުޅުގެ ރޯލު ކުޅުނު ބަތަލާ އެވެ،