އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ، ސަރުކާރު ހިންގާ ޕީއެންސީގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ޕީއެންސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީގެ ދަފުތަރާމެދު އާންމުންގެ ޝަކުވާތައް ހުރިކަން ފާހަގަވުމާއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 13 ގައި ހުޅުވާލި ކަމަށެވެ. އެގޮތުން ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ޕީއެންސީން ބުނެ އެވެ.
ޕީއެންސީން ބުނީ ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމާއި، ދަފުތަރު ބެލެހެއްޓުން، އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ.
އެގޮތުން އީސީން އާންމުކުރި ދަފުތަރާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ޕީއެންސީގެ މައި އިދާރާ، ނުވަތަ ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކަށް އަންނަ އޭޕްރީލް މަހުގެ 13ވަނަ ދުވަހުގެ 15:00ގެ ނިޔަލަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އަދި ހުށަހެޅޭ ޝަކުވާތަކާއި މެދު ބަލަންޖެހޭ ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅާނެ ކަމަށް ޕީއެންސީން ބުނެ އެވެ.