ޓެކްސީ ވިޔަފާރިއަށް ސަރުކާރުން ވަންނަން ނުޖެހޭ ކަމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކުރުމުން، ޔާމީން ވިދާޅުވީ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްދޭންޖެހޭ ކަމަކީ ޓެކްސީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ.
ސަރުކާރަށް ވަޒީފާތައް ނުއުފެއްދޭ ތަނުގައި އަމިއްލަ މީހުން އާމްދަނީ ހޯދަން ކުރާ މަސައްކަތުގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ސަރުކާރުން ޓެކްސީ ކުރާ ފަރާތްތަކަށް އަޅާލައި އެ ފަރާތްތަކުގެ އަޑު އަހަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ސަރުކާރުން ކުރާ މިފަދަ ކަންކަމާއި ދެކޮޅަށް އިހުތިޖާޖު ކުރާ ފަރާތްތަކަށް ދައުވާ ކުރުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށްވެސް ވިދާޅުވި އެވެ.
"ވަރަށް ދެރަވަރު ކަންތައް މިކުރަނީ. މިއީކީއެއް ނޫން ޕީޕީއެމްގެ ނުވަތަ ޕީއެންސީގެ މެނިފެސްޓޯގައި ހުރި ކަންތައްތަކެއް ނޫން މިއީކީ. މިހާރު މިދަނީ ގޯހުން ގޯހަށް. މިކަހަލަ ވިޔަފާރިތަކުގެ ތެރެއަަކަށް ސަރުކާރު ނުޖެހޭ ވަންނާކަށް. އެއްގޮތަކަށް ވެސް ސަރުކާރު ވަދެގެން ނުވާނެ. ވަރަށް ދެރަ ކަންތައްތައް މިކުރަނީ،" ޔާމީން ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އީވީ ޓެކްސީގެ ހިދުމަތް ދޭން ނިންމައި އެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރީ ދަތުރުފަތުރަށް އޮތް ޑިމާންޑަށް ކޭޓާކޮށް، ތިމާވެއްޓާ ރައްޓެހި ހިދުމަތެއް ދޭން ކަމަށް މިނިސްޓްރީން ބުންޏެވެ. މި ހިދުމަތް ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ.
އީވީ ޓެކްސީގެ ހިދުމަތް ދޭން ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި އިރު، މި ސަރުކާރުން ޓެކްސީ ހިދުމަތުގެ ވަންނަން އުޅޭ ކަމަށް ބުނެ މާލެ ސަރަހައްދުގެ ޑްރައިވަރުން އަންނަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.