ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިިވްސް (އެފްއޭއެމް) ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް ހަަމަޖެއްސި، އަހުމަދު ޒުހޫރު މަގާމުން ވަކިކޮށްފި އެވެ.
އިދާރީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެފްއޭއެމް ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް ގެންނަން ފީފާ އިން ވަނީ މިދިޔަ އަހަރު ނިންމާފަ އެވެ. ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް އެކުލަވާލި، ނޯމަލައިޒިން ކޮމިޓީގެ އަދަދު ފީފާ އިން މިހާރު ވަނީ ތިން މެމްބަރުންނަށް މަދުކޮށްފަ އެވެ.
ޒުހޫރު މަގާމުން ވަކިކުރިއިރު، އެ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި ހުރި އަހުމަދު އަލީ އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
އެފްއޭއެމް ނޯމަލައިޒިން ކޮމިޓީގެ ޗެއާމަނަކަށް މިހާރު ހަމަޖައްސާފައިވަނީ، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް، އަހުމަދު މުއިއްޒު އެވެ. ދެން، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފްގެ އިތުރުން، ގާނޫނީ ވަކީލު އިސްމާއީލް ސިމަން އެވެ.
ފީފާއިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީގެ މުއްދަތުގެ ގޮތުގައި އެ ފެޑެރޭޝަނުން ދީފައި ވަނީ އެއް އަހަރު ދުވަހެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ ޖުލައި 31 ގެ ނިޔަލަށެވެ. ނަމަވެސް އެ ކޮމިޓީގެ މަސައްކަތުން މިހާތަނަށް އެދެވޭ ނަތީޖާތަކެއް ފެނިފައެއް ނުވެ އެވެ.