Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ރަސްފަންނާއި ސަލްޓަންޕާކަށް ރީތިކަން އަލުން ގެނެސްދޭނަން

ރަސްފަންނާއި ސަލްޓަންޕާކަށް ރީތިކަން އަލުން ގެނެސްދެއްވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކްގެ ޙާލަތު ފެނިފައި ހިތާމަކުރާ ކަމަށާއި ދެ ތަންވެސް ދަނީ ވީރާނާވަމުން ކަމަށެވެ. މި ދެތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށް ރައީސް ވިދާޅުވި އެވެ.

"މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެ ވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކަށް މިއަދު ހެނދުނު ވަޑައިގެން އެ ދެ ތަނުގެ ހާލަތު ބައްލަވާލެއްވުމަށް ފަހުގަ އެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ހަގު ދަރިކަލުން ވެސް ދެ ތަނަށް މިއަދު ވަޑައިގެންނެވި އެވެ.

އެ ތަންތަނަކީ ރައީސް މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ހަދާފައިވާ ދެ ތަނެކެވެ.