Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފަހުރުވެރި ކާމިޔާބީއެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: މުންޝިދު

މިދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހިލޭ ޑިގުރީ ޕްރޮގްރާމަކީ އެމަނިކުފާނުގެ ވެރިކަމުގައި ހާސިލުކުރެވުނު އެންމެ ފަޚުރުވެރި އެއް ކާމިޔާބީ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހު ވިދާޅުވީ މީގެ ހަ އަހަރު ކުރިން ތައާރަފްކުރެވުނު ހިލޭ ޑިގްރީ ސްކީމްގެ ސަބަބުން ދަރިވަރުންނަށް ހިލޭ މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ހުޅުވިގެން ދިޔަ ކަމަށާއި މިއީ އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ހާސިލުކުރެވުުނު އެންމެ ފަހުރުވެރި އެއް ކާމިޔާބީ ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވިއިރު 18،000 އަށްވުރެ ގިނަ ދިވެހި ޒުވާނުން ޑިގްރީ ކޯސްތަކުގައި ބައިވެރިވެފައިވާ ކަމަށާއި އަދި 8،500 ދިވެހި ޒުވާނުން މި ޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިގްރީ ފުރިހަމަކޮށްފައިވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

ތަޢުލީމަކީ އެންމެންނަށް ހަމަހަމަކަން ގެނެސްދޭ އަދި ޒުވާނުންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމަށާއި ޤައުމު ބިނާކުރުމަށް ފުރުޞަތުތައް ހުޅުވައިދޭ އެއްޗެއް ކަމަށްވާއިރު މި ޕްރޮގްރާމްގެ ކާމިޔާބީއަކީ މިކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒު ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ.

މި ސްކީމުގެ ދަށުން ސަރުކާރުގެ ދެ ޔުނިވާސިޓީ، މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ އިތުރުން އަމިއްލަ ކޮލެޖުތަކުން ހިންގާ ކޯސްތަކުގައި ވެސް ބައިވެރިވެވެ އެވެ.