Last Updated: May 7, 13:48
Wednesday, May 7, 2025
މުނިފޫހިފިލުވުން

ހާޝް އަނެއްކާ ވެސް ލޯބީގެ ރޯލަކަށް

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި އަސަރު ގަދަ ލޯބީގެ ފިލްމު "ސަނަމް ތޭރީ ގަސަމް" ގެ ބަތަލު ހާޝްވަރްދަން ރާނޭ އަނެއްކާ ވެސް އެ ޖޯންރާގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިއަދު ޓައިޓްލް މޯޝަން ޕޯސްޓަރު ވެސް ދައްކައިލި ފިލްމުގެ ނަމަކީ "ދީވާނިޔަތު" އެވެ. މިއީ ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކުރަން ހަމަޖެހައިވާ ފިލްމެކެވެ. ބަތަލާ އަދި އިއުލާން ނުކުރާ "ދީވާނީޔަތު" ގެ ސްކްރީންޕްލޭ ލިޔެފައި ވަނީ މިލަޕް އާއި މުޝްތާގް ޝެއިހެވެ.

މި އަހަރު ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި ވިކްރާންތު މަސީގެ "ދަ ސަބްރަމާތީ ރިޕޯޓް" ވެސް ގެނެސްދިން ޕްރޮޑަކްޝަން ހައުސް ވިކީރް ފިލްމްސް އިން ހަދާ ފިލްމެކެވެ.

އާ ފިލްމެއް މިލަޕް ޑައިރެކްޓްކުރަން އިއުލާންކުރި އިރު، އޭނަ މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ތޭރާ ޔާރު ހޫ މޭ" އާއި "މަސްތީ 4" އެވެ.

އަހަރުތަކެއް ފަހުން ހާޝް އަނެއްކާ ވެސް އަސަރު ގަދަ ލޯބީގެ ފިލްމަކަށް ސޮއިކުރި އިރު، އޭނަ އާއި ޕާކިސްތާންގެ ބަތަލާ މަރްވާ ހޮކޭން ކުޅުނު 2016 ގެ "ސަނަމް ތޭރީ ގަސަމް" މި މަހުގެ ތެރޭގައި ވެސް ސިނަމާތަކަށް އަލުން ގެނެސްގެން ބޮޑު އާމްދަނީއެއް ހޯދާފައިވެ އެވެ. އޭގެ ދެވަނަ ބައެއް އަންނަ އަހަރު ގެނެސްދޭން ހަމަޖެހިފައިވާ އިރު، އެ ފިލްމުގައި ކުރީގެ ކާސްޓުން ހިމެނޭނެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ.

ހާޝް، 41، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ޖިއޯ ސިނެމާ އިން ސްޓްރީމްކުރި ސްޕޯޓްސް ޑްރާމާ "ދަ މިރަންޑާ ބްރަދާސް" އިންނެވެ. އޭނަ ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސާވީ"، "ހަސީން ދިލްރުބާ" އަދި "ޕަލްޓާން" ހިމެނެ އެވެ.