Last Updated: July 18, 05:59
Friday, July 18, 2025
ކުޅިވަރު

ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން ޗެލްސީ ބަލިވެއްޖެ އެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ 25 މެޗުން 43 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުތަކަށް ފަހު ޗެލްސީގެ މަގާމަށް ބަދަލު އައުން އެކަށީގެންވެ އެވެ. ބްރައިޓަން އޮތީ 37 ޕޮއިންޓާ އެކު ލީގުގެ 8 ވަނައިގަ އެވެ.

ބްރައިޓަން އަތުން 2-1 އިން ބަލިވެ މިދިޔަ ހަފްތާގައި ޗެލްސީ ވަނީ އެފްއޭ ކަޕުން ވެސް ކަޓައިފަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 27 ވަނަ މިނެޓްގައި ބްރައިޓަނަށް ކާމިޔާބުކޮށްދިނީ މިޓޯމާ އެވެ. މިއީ ޗެލްސީގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން މިޓޯމާ ކާމިޔާބުކުރި ގޯލެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔަންކުބާ މިންޓޭ ވަނީ ބްރައިޓަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު މިންޓޭ ބްރައިޓަންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، މި ގޯލަށް ފަހު ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ބްރައިޓަނަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

ޗެލްސީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ބްރައިޓަންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ މޮޅުވެފައިވަނީ އެންމެ ދެ މެޗުންނެވެ.

ލީގުގައި ޗެލްސީން ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ބްރައިޓަން ނިކުންނާނީ ސައުތްހެމްޓަންއާ ދެކޮޅަށެވެ.