ޑާކް ރެއިން އެންޓައިންމަންޓްގެ އާ ސީރީޒް "ފެށުމާއި ނިމުން" ގެ ކާސްޓުންތަކައް ދައްކާލައިފި އެވެ.
އެ ސްޓޫޑިއޯ އިން ޑިސެންބަރު 30 ގައި މީޑިއާނެޓްގެ އެމްއެމް ވީޑިއޯކްލަބަށް ދޫކޮށްލި 15 އެޕިސޯޑްގެ ސީރީޒް "ރޯލީމޭ" ވެސް ލިޔުނު ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ހަމަ މި ފަހަރު ވެސް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ އާ ސީރީޒްގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މޫސާ އަލީފާއި އައިމިނަތު ޝުހާ އާއި ޝަރަފު އަބްދުﷲ ގެ އިތުރުން ހުސައިން ސާމީ އެވެ.
މީގެ ތެރެއިން ޝުހާ އާއި ޝަރަފާއި އަލީފަކީ "ރޯލީމޭ" ގެ ކާސްޓްގައި ވެސް ހިމެނޭ ތަރިންތަކެކެވެ.
"ފެށުމާއި ނިމުން" ގެ ކާސްޓްގައި ތަޖުރިބާކާރު އެކްޓަރު ދަރާ މުހައްމަދު ރަޝީދުގެ އިތުރުން ޑާކް ރެއިންގެ އުފެއްދުމަކުން އަލަށް ފެންނަ ފައިނާ ހިމެނެ އެވެ.
ދަރާ ރަޝީދާއި ސާމީ އަކީ މިދި މަހުގެ 30 ގައި މީޑިއާނެޓުން ޕްރީމިއާކުރި ސީރީޒް "ހިންތާ" ގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިންނެވެ. "ފެށުމާއި ނިމުން" އަކީ ސާމީގެ ޑާކް ރެއިންގެ ފުރަތަމަ މަސައްކަތެވެ.
މި ސީރީޒަކީ 10 އެޕިސޯޑްގެ އެއްޗެކެވެ.
އާ ސީރީޒެއްގެ މަސައްކަތް ޑާކް ރެއިނުން ފެށި އިރު، މި އަހަރު އެ ސްޓޫޑިއޯ އިން ގެނެސްދޭން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ޕްރޮޖެކްޓް 37" ގެ ޝޫޓިން މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ.
ޑާކް ރެއިންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" އެވެ.