Last Updated: May 9, 22:28
Saturday, May 10, 2025
ޚަބަރު

މުއިއްޒަކީ ސީދާ ރައްޔިތުންގެ ރައީސް: ނިހާދު

ސަލްޓާން ޕާކާއި ރަސްފަސްނު މި ސަރުކާރުން އަލުން މަރާމާރުކޮށް ކުރަން ނިންމުމުން ދައްކުވައި ދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސީދާ ރައްޔިތުންގެ ރައީސެއްކަން ކަމަށް ފޭދޫގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރުމަށް ފަހު، ސަސްޕެންޝަނެއްގައި ބެހެއްޓުމަށް ފަހު މިހާރު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފައިވާ ނިހާދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަން ޕާކް ވީރާނާވާން ދޫކޮށްލާގައި ބޭއްވުމަކީ މާލޭގެ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއް ކަމަށެވެ.

އޭނަ ވަނީ އެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައި ދޭން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ރައީސް ނިންމަވާފައިވާތީ އެކަމަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

"ތިޔައީ ސީދާ ރައްޔިތު މީހާގެ ރައީސް،" ނިހާދު ވިދާޅުވި އެވެ. "ކުރާނެ."

ރަސްފަންނާއި ސަލްޓަން ޕާކްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި އެ ދެ ތަނަށް އަލުން އާރޯކަން ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ އިއްޔެ އެވެ.

"މި ދެ ތަނަކީ ވެސް ތޮށްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެ ތަން. މި ދެ ތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށް ވުރެ ވެސް ފުރިހަމަކޮށް ދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި ދަންނަވަން." ރައީސް ވިދާޅުވި އެވެ.

މާލެ ސިިޓީ ކައުންސިލުން މިހާރު އޮތީ ސަލްޓަން ޕާކް މަރާމާތު ކުރާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވައިފަ އެވެ.