ޑައިރެކްޓަރު ޝޭކަޕް ކަޕޫރް މީގެ 42 އަހަރު ކުރިން ގެނެސްދިން މަގުބޫލު ފިލްމު "މާސޫމް" ގެ ދެވަނަ ބައިގެ މައިގަނޑު ކާސްޓުން ކަށަވަރުކޮށް ދީފި އެވެ.
އޭނަ ބުނީ ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ ފިލްމުގައި 1983 ގެ "މާސޫމް" ގެ ލީޑް ކާސްޓްގައި ހިމެނޭ ނަސީރުއްދީން ޝާހާއި ޝަނާބާޒް އަޒްމީއާ އެކު އާ ފިލްމުގައި މަނޯޖް ބަޖްޕާއީ އާއި ދެކުނުގެ ބަތަލާ ނިތިޔާ މެނަން ވެސް ހިމެނޭނެ ކަމަށެވެ.
ޝޭކަރް ބުނި ގޮތުގައި މި ހުރިހާ އެންމެންނަކީ ވެސް ނެޝަނަލް އެވޯޑް ހާސިލުކޮށްފައިވާ ތަރިންނަށްވާތީ މިއީ "މާސޫމް 2" އިން މޮޅެތި ތަރިންތަކެއް ފެންނާނެ ފިލްމެކެވެ.
މީގެ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް މިއާ ބެހޭ އިތުރު ތަފުސީލުތަކެއް ޝޭކަރް ނުދެ އެވެ.
ވަރަށް އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދިން "މާސޫމް" އަކީ ބޭވަފާތެރި ފިރިއެއްގެ ސަބަބުން އާއިލާއަކަށް ދިމާވާ ކަންތައްތަކެއް ދައްކުވައި ދިން ފިލްމެކެވެ. އެ ފިލްމުގައި ބަތަލާ ސުޕްރިޔާ ޕަތަކް ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމުގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން އެކަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި މިހާރު އުމުރުން 51 އަހަރުގެ ބަތަލާ އުރްމިލާ މަޓޯންޑްކަރް އެވެ. އަދި "މާސޫމް" ގައި ކައިވެނީގެ ބޭރުން ނަސީރުއްދީން ހިންގާ ގުޅުމުގެ ސަބަބުން ލިބޭ ފިރިހެން ދަރިފުޅަކީ މިހާރު 52 އަހަރުގެ އެކްޓަރު ޖުގާލް ހަންސްރާޖް އެވެ.
ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ އެކްޓަރު ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) ތައާރަފުކުރާ ފިލްމު "ނާދާނިޔާން" އިން ވެސް ޖުގާލް ފެންނާނެ އެވެ. އޭގައި އޭނަ ކުޅެފައި ވަނީ އިގީގެ ބައްޕަގެ ރޯލެވެ.
ޝޭކަރްގެ ފުރަތަމަ ފިލްމުގެ ގޮތުގައި ގެނެސްދިން "މާސޫމް" އަކީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނޭ ފިލްމެކެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ "ތުޖްސޭ ނާޒާރު ނެހީ ޒިންދަގީ" އެވެ.
ޝޭކަރް އަކީ "މިސްޓަ އިންޑިއާ" އާއި "ބަންޑިތު ކްއީން" ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ އޭޝިއާ އާއި ހޮލީވުޑްގެ މަސްހުނި ކާސްޓަކާ އެކު 2022 ގައި ގެނެސްދިން "ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް؟" އެވެ.