Last Updated: July 18, 05:59
Friday, July 18, 2025
ކުޅިވަރު

އާސެނަލުން ލިވަޕޫލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އިން ލެސްޓާ ސިޓީ 2-0 އިން ބަލިކޮށް، ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ވަނީ 24 މެޗުން 57 ޕޮއިންޓް ހޯދާފަ އެވެ. ދެވަނައިގައި އޮތް އާސެނަލް އިން 25 މެޗުން 53 ޕޮއިންޓް ހޯދާފައިވާއިރު ތިން ވަނައިގައި އޮތް ނޮޓިން ފޮރެސްޓަށް 25 މެޗުން 47 ޕޮއިންޓް ވަނީ ލިބިފަ އެވެ.

ލީގުގައި މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ލިވަޕޫލަށް އަލުން ލީޑު ފުޅާކޮށްލެވޭނެ އެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗަށް އާސެނަލް ނިކުތްއިރު، އަނިޔާގެ ސަބަބުން އެޓީމުގެ ކުރިއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ވަނީ ގެއްލިފަ އެވެ. އެގޮތުން މި މެޗުގައި ފެނިގެންދިޔަ ދެ ގޯލު ވެސް އާސެނަލަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި މިކޭލް މެރީނޯ އެވެ.

ޕްރިމިއާ ލީގުގައި ރޭ މިސްރުގެ ފޯވާޑް އޮމަރު މާމޫޝްގެ ހެޓްރިކާ އެކު، 4-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ސިޓީން ވަނީ މުހިއްމު މޮޅެއް ހޯދައިފަ އެވެ. މި މޮޅާ އެކު ސިޓީ މިހާރު އޮތީ 22 މެޗުން 44 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގަ އެވެ.

ބޯންމަތް އިން 3-1 އިން ސައުތެމްޓަން ބަލިކޮށް ލީގުގެ ފަސްވަނަ އަށް ޖެހިލާފައިވާއިރު، ފުލަމް އިން ވަނީ 2-1 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފަ އެވެ. އަދި ބްރެންޓްފޯޑުން 1-0 އިން ވެސްޓްހަމް ބަލިކުރިއިރު، އެވަޓަން އިން ވަނީ 2-1 އިން ކްރިސްޓަލް ޕެލެސްގެ މައްޗަށް ކުރި ހޯދައިފަ އެވެ.