Last Updated: May 2, 16:04
Friday, May 2, 2025
ރިޕޯޓް

ފެން ބެހިގެންވާ ބައިތައް (ޠަހޫރު ފެން)

ޢަރަބި ބަހުގައި المَاءُ ގެ މާނައަކީ: ފެނެވެ. المِيَاه އަކީ المَاءُ ގެ ގިނަ ގޮތެވެ. ފެނުގެ ވާހަކަ ޛިކުރުކޮށްފައިވާ ބާބުގައި އެ ލަފްޒުގެ ޖަމްޢުގެ ޞީޣާއިން ޢިލްމުވެރިން ގެންނަވަނީ ފެނުގެ އެކި ބާވަތްތައް އޭގެ ދަށުން ބަޔާން ކުރެއްވުމަށްޓަކަ އެވެ. [1]

ފެން ބެހިގެންވާ ބައިތައް: ފުރަތަމައީ: ޠަހޫރު ފެން

* ޠަހޫރު ފެނަކީ: އެއީ އޭގެ ވަސް ނުވަތަ ކުލަ ނުވަތަ ރަހަ ތަޣައްޔަރުވެފައި ނުވާ، އެ ޚަލްޤުކުރެއްވި ގޮތަށް ހުރި ފެނެވެ. [2]
* އެއީ އޭގެ ޛާތުގައި ޠަހޫރު (ސާފު) އެއްޗެކެވެ. އަދި އެހެނިހެން ތަކެތި ޠާހިރުކުރުމަށް އެ ފެން ބޭނުންކުރެވޭނެއެވެ. [3]

ޠަހޫރު ފެނުގެ ތެރޭގައި އެކި ވައްތަރުގެ ފެން ހިމެނެއެވެ. އެގޮތުން އޭގެ ގިނަ ބާވަތްތަކުގެ ޠާހިރުކަން ޞަރީޙަކޮށް ޝަރުޢީ އެކި ނައްޞުތަކުގައި ބަޔާންކުރައްވާފައި ވެއެވެ. ﷲ ތަޢާލާ، ދުނިޔޭގައި ލައްވާފައިވާ ފެނުގެ ކޮންމެ ބާވަތަކުންވެސް ޠާހިރުވެވޭނެއެވެ. [4] އެކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ. އެއިލާހު ވަޙީކުރެއްވިއެވެ.

﴿فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا﴾ [سورة المائدة: ٤٣]‏

މާނައީ: “ތިޔަބައިމީހުންނަށް ފެން ނުލިބިއްޖެއްޔާ، ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމުމް ކުރާށެވެ!”

މި އާޔަތުގައި ޠަހާރަތަށް ފެން ބޭނުންކުރުމުގެ ވާހަކަ ބަޔާންކުރައްވާފައިވާ އިރުގައި، ވަކި ބާވަތެއްގެ ފެނެއް އެކަމަށް ޚާއްޞަކުރައްވާފައި ނުވެއެވެ.

ޝަރުޢީ ނައްޞުތަކުގައި ޞަރީޙަކޮށް ބަޔާން ކުރައްވާފައިވާ ފެނުގެ ބައެއް ބާވަތްތަކަކީ:

ވާރޭ ފެން

އެކަމުގެ ދަލީލަކީ:

﴿وَأَنزَلْنَا مِنَ السَّمَاءِ مَاءً طَهُورًا﴾[سورة الفرقان: ٤٨]

މާނައީ: “އަދި ތިމަން އިލާހު ޠަހޫރު ފެން އުޑުން ބާވައިލެއްވީމެވެ.”

ވަޅު ފެން

އެކަމުގެ ދަލީލަކީ:

ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި މަދީނާގައި ހުރި ވަޅެއްކަމުގައިވާ ބުޟާޢާ ކިޔާ ވަޅަކުން ވުޟޫކުރުމާ ބެހޭގޮތުން އެކަލޭގެފާނުގެ އަރިހުގައި ސުވާލުދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«الْمَاءُ طَهُورٌ لَا يُنَجِّسُهُ شَيْءٌ» [رواه أبو داود (66 – 67) وصححه الألباني في صحيح أبي داود (67)]

މާނައީ: “ފެނަކީ ޠަހޫރު އެއްޗެކެވެ. އެއްވެސް އެއްޗަކުން އެ ނަޖިސް ނުވާނެއެވެ.” [5]

މޫދު ފެން

އެކަމުގެ ދަލީލަކީ:

މޫދުގެ ލޮނު ފެނުން ވުޟޫކުރުމާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލުދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«هُوَ الطَّهُورُ مَاؤُهُ» [رواه الترمذي (69) وصححه الألباني في إرواء الغليل (9)]

މާނައީ: “އޭގެ ފެނަކީ ޠަހޫރު އެއްޗެކެވެ.”

ގަނޑުފެން (Hail) އާއި ސްނޯ

އެކަމުގެ ދަލީލަކީ:

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالبَرَدِ» [رواه البخاري (744)]

މާނައީ: “އޭ ﷲ! މިއަޅާގެ ކުށްފާފަތައް، ފެނާއި ސްނޯއާ އަދި ގަނޑުފެނުން ދޮވެދެއްވާނދޭވެ!”

ގަނޑުފެނާއި ސްނޯ ވިރުވައިގެން ވުޟޫ ކުރުމަށާ އަދި ފެން ވެރުމަށް ބޭނުން ކުރެވޭނެއެވެ. މިކަމާ ބެހޭގޮތުން އިބްނު ޤުދާމާ رحمه الله ވިދާޅުވިއެވެ.

“ސްނޯ އާއި ގަނޑުފެން ވިރުވުމުން އެ ލިބޭ ފެނަކީ ޠަހޫރު އެއްޗެކެވެ. އެހެނީ އެއީވެސް އުޑުން ވެހޭ ފެނުގެ ބާވަތެކެވެ. ނަބިއްޔާ صلى الله عليه وسلم ކުރައްވާފައިވާ ދުޢާގައި ވެއެވެ.

«اللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالبَرَدِ» [رواه البخاري (744)]

މާނައީ: “އޭ ﷲ! މިއަޅާގެ ކުށްފާފަތައް، ފެނާއި ސްނޯއާ އަދި ގަނޑުފެނުން ދޮވެދެއްވާނދޭވެ!” ” [6]

އަދިވެސް މީގެ އިތުރުން ކޯރުތަކުގެ ފެނާއި ސާފު ފެންގަނޑުތަކުން ލިބޭ ފެނާއި ފެން އާރު (spring) ތަކުން ނުކުންނަ ފެން ޠަހާރަތުގައި ބޭނުން ކުރެވިދާނެއެވެ.

އަދި އެފަދަ ފެނެއް ތަޣައްޔަރުވުން ވަނީ ދެ ގޮތަކުންނެވެ.

ފުރަތަމަ ގޮތަކީ: އޭގެ ވަސް ނުވަތަ ކުލަ ނުވަތަ ރަހަ ޙަޤީޤަތުގައިވެސް ތަޣައްޔަރުވުމުން އެއަށް ޠަހޫރު ފެނޭ ނުކިޔޭ މިންވަރަށް އެ ތަޣައްޔަރުވުން.

ޠާހިރު އެއްޗެއް އެއަށް އެޅިގެން ތަޣައްޔަރު ވިޔަސް އެ ފެން އެއްކޮށް ތަޣައްޔަރުވެއްޖެ ނަމަ ދެން ޠަހާރަތުގައި އެ ބޭނުން ނުކުރެވޭނެއެވެ. މިސާލަކަށް: ކާ އެއްޗަކާ އެއްކުރުމުގެ ސަބަބުން ފެނުގެ މައްޗަށް އެ އެއްޗެއް ގަދަވެ އެއީ ފެނެކޭ ނުކިޔޭ މިންވަރަށް އެ ބަދަލުވެއްޖަ ނަމަ ދެން އެ ޠަހާރަތުގައި ބޭނުން ނުކުރެވޭނެއެވެ. ފަހެ ތައްޓަކަށް ފެން އަޅާފައި އެއަށް ޖޫސް ނުވަތަ ކިރުފަދަ އެއްޗެއް އެޅުމުން އެފެން ޖޫސްތައްޓަކަށް ނުވަތަ ކިރު ތައްޓަކަށް ބަދަލުވުމުން ދެން އެއެއްޗެއް ޠަހާރަތުގައި ބޭނުން ނުކުރެވޭނެއެވެ.

ދެވަނަ ގޮތަކީ: އެ ތަޣައްޔަރުވުފައި ވިޔަސް އޭގެ ޙުކުމަށް ބަދަލެއް ނާންނަފަދަ އެއްޗަކުން އެ ތަޣައްޔުރުވެފައިވުން. [7]

މިސާލަކަށް ވަޅުގައި ފެހި ޖެހުމުގެ ސަބަބުން ނުވަތަ ފަތް އެޅިގެން ވަޅުގައިވާ ފެނުގެ ރަހަ ބަދަލުވިޔަސް އެ ފެން ޠަހާރަތުގައި ބޭނުން ކުރެވޭނެ އެވެ.

[1] ބައްލަވާ: منحة العلام لعبد الله الفوزان (1/25)
[2] ބައްލަވާ: الشرح الممتع للعثيمين (1/28)
ބައްލަވާ: الشرح الممتع للعثيمين (1/ 28–29) [3]
[4] الفقه الميسر (ص: 20).
[5] ނަވަވީ رحمه الله ވިދާޅުވިއެވެ. “ދަންނާށެވެ. ބުޟާޢާގެ ވަޅާ ބެހޭގޮތުން ވާރިދުވެފައިވާ މި ޙަދީޘަކީ ޢާންމުކޮށް އޮތަސް ވަކި ޚާއްޞަ މާނައެއް ދޭހަކޮށްދޭ ޙަދީޘެކެވެ.

އޭގެން ޚާއްޞަ ކުރަނީ ނަޖިހަކުން ތަޣައްޔަރުވެފައިވާ ފެނެވެ. ފަހެ (ކިތަންމެ ބޮޑު ފެންގަނޑެއްވެސް ނަޖިހަކުން ތަޣައްޔަރުވެއްޖެ ނަމަ) އެއީ ނަޖިސް އެއްޗެއްކަމާ މެދުގައި ޢިލްމުވެރިންވަނީ އިޖުމާޢުވެވަޑައިގެންފައެވެ. އަދި ދެ ޤުއްލައަށް ވުރެ މަދު މިންވަރުގެ ފެނަށް ނަޖިހެއް އެޅިއްޖެނަމަ އެ ޙަދީޘުން ޚާއްޞަކުރެއެވެ. (އެބަހީ: އެ ޙަދީޘްގެ ތެރެއަށް ނުވަންނާނެއެވެ. އެފަދަ ފެން ތަޣައްޔަރު ނުވިޔަސް އެއަށް ނަޖިހެއް އެޅިއްޖެ ނަމަ ބަލާނީ ނަޖިސްފެނެއްގެ ގޮތުގައެވެ.)

ފަހެ އެހެންކަމުން އެ ޙަދީޘްގެ މުރާދަކީ ނަޖިހަކުން ތަޣައްޔަރުވެފައި ނުވާ (ދެ ޤުއްލައަށް ވުރެ) ބޮޑު ފެންގަނޑެކެވެ. ބުޟާޢާގެ ވަޅަކީ އެފަދައިން ގިނައިން ފެން ހުރި ވަޅެކެވެ. والله أعلم” [المجموع للنووي (1 / 85)] އަދި ކިތަންމެ ގިނަ ފެނެއްވިޔަސް ނަޖިހަކުން އޭގެ ވަސް ނުވަތަ ރަހަ ނުވަތަ ކުލަ ތަޣައްޔަރުވެއްޖެނަމަ އެ ފެންގަނޑު ނަޖިސްވެގެންދާނެކަމަށް އިބްނުލް މުންޛިރު رحمه الله ވަނީ އިޖުމާޢު ނުޤުލުކުރައްވާފައެވެ. (ބައްލަވާ: الأوسط لابن المنذر (1 / 260)) ޤުއްލައަކީ: ޢަރަބިން ފެނުގެ މިންވަރު ބެލުމަށް ބޭނުންކޮށް އުޅުނު މިންގަނޑެކެވެ.

އެގޮތުން ލީޓަރުން ބަލާނަމަ ދެ ޤުއްލައަކީ ގާތްގަނޑަށް: 300 – 321 ވަރަކަށް ލީޓަރުގެ ފެނެވެ. (ބައްލަވާ: الفقه الميسر (ص: 20) والإيضاح والتبيان في معرفة المكيال والميزان لابن الرفعة بتحقيق: د. محمد أحمد الخاروف (ص: 80)).

[6] المغني لابن قدامة (1/16)
[7] ބައްލަވާ: الشرح الممتع للعثيمين (1/28)

މަސްދަރު: ދިސަލަފިއްޔާ