އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް އަތުން 2-1 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑު ދަމަހައްޓަައިފި އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ، 25 މެޗުން 60 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 25 މެޗުން 53 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 25 މެޗުން 47 ޕޮއިންޓު ހޯދައިގެން އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ.
މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 15 ވަނަ މިނެޓްގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. އަދި ޑިއާޒަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މެޗުގެ 37 ވަނަ މިނެޓްގައި މުހައްމަދު ސަލާ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ވުލްވްސް އިން ކުޅުން ރަނގަޅު ކުރިއިރު، މެޗުގެ 67 ވަނަ މިނެޓްގައި ވުލްވްސްގެ މަތެއަސް ކުންޔާ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފަ އެވެ. މިއީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން ކުންޔާ ކާމިޔާބުކުރި ގޯލެކެވެ. މި ގޯލަށް ފަހު ނަތީޖާ އެއްވަރުކުރަން ވުލްވްސް އިން މަސައްކަތް ކުރި ނަމަވެސް އެޓީމަށް އިތުރު ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމުން ވަނީ 1-0 އިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ޖޭމްސް މެޑިސަން އެވެ.
މި މޮޅާއެކު ޓޮޓެންހަމް އޮތީ 25 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ލީގުގެ 12 ވަނައިގަ އެވެ. ޔުނައިޓެޑް އޮތީ 29 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.