Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކުޅިވަރާ ގުޅޭ އެއްބަސްވުމެއް ޗައިނާއާ އެކު

ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯއާ އެކި ސްޕޯޓްސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހަފުލާއެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ. ފުޖިއާން ޕްރޮވިންސްގެ ކުޅިވަރު ބިއުރޯގެ ޑިރެކްޓަ ޖެނެރަލް ޑޮން ޖިން ސޮން އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމު ގުޅިގެން ކުޅިވަރުގެ ދާއިރާއިން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުޅުންތެރިންނާއި ޓީމުތައް އަދި ކުލަބުތަކަށް ކުރިއެރުވުމަށް އެހީވާނެ އެވެ.

މީގެ އިތުރުން ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން މީހުން ބިނާކުރުން ވެސް ހިމެނެ އެވެ އޭގެ ތެރޭގައި ސިއްހީ އޮފިޝަލުންނާއި، ކޯޗުންނާއި، ރެފްރީން، އަމްޕަޔަރުން އަދި ކުޅިވަރުގައި ބޭނުންކުރާ މަނާ ބޭހަށް އަހުލުވެރިކުރުވުމަށްޓަކައި މިކަމަށް ޚާއްސަ އޮފިޝަލުން ހިމެނެއެވެ.

އެެއްބަސްވުމުގެ ދަށުންކުޅިވަރާ ގުޅުންހުރި ހަރަކާތްތަކާއި ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށް ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ފުރުސަތުތައް ވެސް ފަހިކޮށް ދޭނެ އެވެ.