Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އޭސީސީގެ ނައިބަކަށް ނާޝިދަށް ރުހުން ދީފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސް ކަމަށް އަބްދުﷲ ނާޝިދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަގާމަށް އޭނަ އައްޔަން ކުރަން ފެންނަ ކަމަށް ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.

އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަނު ކުރަން ފެނޭތޯ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ މި މަހުގެ 10 ގައި ފޮނުއްވީ މއ. ގޯލްޑެންމޫން އަހުމަދު ނާޝިދުގެ ނަމެވެ. ނަމަވެސް އޭގެ އެއް ދުވަސް އެ ނަމުގައި ބަދަލުގައި ފޮނުވީ ރ. އަލިފުއްޓަށް ނިސްބަތްވާ އަބްދުﷲ ނާޝިދުގެ ނަމެވެ.

ދެ ނާޝިދަކީ ވެސް މިދިޔަ މަހުގެ 26 ގައި އޭސީސީގެ މެންބަރު ކަމަށް އައްޔަން ކުރި ދެ ބޭފުޅުންނެވެ.

އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސް، އަބްދުއްސަލާމް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ކުރެވުނު ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގައި ހިނގަމުން ދަނިކޮށެވެ.

އޭސީސީގެ ރައީސަކީ އާދަމް ޝާމިލެވެ. އޭނަ އެ ކޮމިޝަނަށް އައްޔަންކުރީ 2022 ގަ އެވެ.