Last Updated: May 7, 14:04
Wednesday, May 7, 2025
މުނިފޫހިފިލުވުން

ސަލްމާނާއި ސަންޖޭ ހޮލީވުޑްގެ ފިލްމެއްގައި!

އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ބޮލީވުޑްގެ ދެ ގާތް އެކުވެރިން ކަމަށްވާ ސަލްމާން ޚާނާއި ސަންޖޭ ދަތު ހޮލީވުޑްގެ ފިލްމެއްގައި ހިއްސާވާން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މި ފިލްމަކީ ސައުދީ އަރަބިއްޔާގެ އަލް-އުލާ ސްޓޫޑިއޯގައި ޝޫޓިން ކުރިއަށްދާ ފިލްމެއް ކަމަށެވެ. ނަމަވެސް އެ ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މީގެ ކުރިން އަލް-އުލާ ސްޓޫޑިއޯގައި ޝޫޓްކުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ އެކްޓަރު އަލީ ފަޒަލް ވެސް މުހިއްމު ރޯލެއް، ހޮލީވުޑްގެ މަޝްހޫރު ތަރި، ޖެރާޑް ބަޓްލާގެ 2023 ގެ "ކަންދަހާރު" ހިމެނެ އެވެ.

މީޑިއާތަކުން ބުނީ ސައުދީގައި މިހާރު ކުރިއަށްދާ ހޮލީވުޑްގެ ފިލްމުގައި ސަލްމާނާއި ސަންޖޭ ހިއްސާވަނީ އޭގެ ހާއްސަ ކެމިއޯތަކެއްގައި ކަމަށެވެ. ޝޫޓިން ސަލްމާން ވަނީ އިއްޔެ ސައުދީ އަށް ވެސް ގޮސްފައި ކަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭނަ ތިން ދުވަހަށް ފިލްމަށް ޝޫޓްކުރާނެ އެވެ.

ސަލްމާން މިހާރު އަންނަނީ ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ސިކަންދަރު" ގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސަލްމާނާއި ސަންޖޭ އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޗަމް މެރެ ބާއީ"، "ސާޖަން" އަދި "ޔޭ ހޭ ޖަލްވާ" ހިމެނެ އެވެ.