Last Updated: July 18, 05:59
Friday, July 18, 2025
ކުޅިވަރު

ބާސާ ލީގުގެ އެއްވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ރަޔޯ ވަޔެކާނޯގެ މައްޗަށް 1-0 އިން ކުރި ހޯދައި، ލީގުގެ އެއްވަނަ އަށް ބާސެލޯނާ އަރައިފި އެވެ.

ލީގުގެ އެއްވަނައިގައި ބާސާ އޮތީ 24 މެޗުން 51 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގެ ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބާސާއަށް ކާމިޔާބުކޮށްދިނީ ރޮބަޓް ލެވެންޑޯސްކީ އެވެ. މިއީ ވަޔެކާނޯގެ އޭރިއާގެ ތެރެއިން ބާސާގެ އިނީގޯ މާޓިނޭޒަށް ކުރި ފައުލަކާއި ގުޅިގެން ދިން ޕެނަލްޓީއެކެވެ.

ދެވަނަ ހާފުގައ ލީޑު ފުޅާކޮށްލަން ބާސާ އަށް ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ނަތީޖާ އެއްވަރުކޮށްލަން ވަޔެކާނޯގެ ޑެ ފްރުޓޯސް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ބާސާގެ އޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ލީގުގެ އެއްވަނަ އަށް ބާސާ އަރާފައިމިވަނީ، މި ހަފްތާގައި ކުޅުނު މެޗުތަކުން ރެއާލް އަދި އެތްލެޓިކޯ އަށް ވެސް މޮޅު ނުވެވުމުންނެވެ. އެ ދެ ޓީމުވެސް މި ހަފްތާގައި ކުޅުނު މެޗުތަކުން ވީ އެއްވަރެވެ.

ބާސާ އިން ލީގުގައި ދެން ބައްދަލުކުރާނީ ލަސް ޕަލްމަސްއާ އެވެ.