ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މީގެ އަހަރުތަކެއް ކުރިން ގެނެސްދިން މަގުބޫލު ޝޯ "ވޮއިސް އޮފް މޯލްޑިވްސް" އަލުން ބާއްވަން ނިންމައިފި އެވެ.
ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ފަންނާނުންތަކެއް ނެރެފައިވާ އެ ޝޯ އަލުން ގެނެސްދޭން ނިންމިކަން ޕީއެސްއެމުން އިއުލާންކުރީ އެތަނުން ކުރިއަށް ގެންދަން ރާވާފައި ހުރި ޕްރޮގްރާމްތައް ލޯންޗްކުރަން ބޭއްވި ހަފުލާއެއްގަ އެވެ.
ޕީއެސްއެމުން ބުނީ "ވޮއިސް އޮފް މޯލްޑިވްސް" އާ ސީޒަނަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. މި ޝޯގެ ދެ ސީޒަނެއް ކުރިން ގެނެސްދީފައިވެ އެވެ. އެއީ 2010 އާއި 2011 ގަ އެވެ. "ވޮއިސް އޮފް މޯލްޑިވްސް" ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރީ މުހައްމަދު ހާލިދެވެ. ދެވަނަ ސީޒަންގެ އެއްވަނަ އަކީ ހަސަން ތޮލާލެވެ.
'ވޮއިސް އޮފް މޯލްޑިވްސް" އަލުން ގެނެސްދޭން ނިންމި އިރު، ރާއްޖޭގެ މިއުޒިކީ ދާއިރާ އަމާޒުކޮށްގެން ޕީއެސްއެމުން އެންމެ ފަހުން ގެނެސްދިން ބޮޑު ޝޯ އަކީ ބައިނަލްއަގްވާމީ ފްރެންޗައިޒެއް ކަމަށްވާ "މޯލްޑިއަވިއަން އައިޑޮލް" އެވެ. އޭގެ ތިން ސީޒަނެއް ގެނެސްދީފައިވެ އެވެ.