މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ގެ އާ ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.
އާ ޕޯސްޓަރެއް މި ދައްކައިލީ މީގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ 59 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގަ އެވެ. ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރުގެ އުފަން ދުވަހަކީ މިއަދެވެ. ސާޖިދަކީ މަރުވެފައިވާ ކުރީގެ މަޝްހޫރު ބަތަލާ ދިވްޔާ ބާރްތީގެ ފިރިމީހާ އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިކަންދަރު" އަކީ ކުޅަދާނަ ތަމަޅަ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ގެނެސްދޭ އެކްޝަން ފިލްމެކެވެ. ސަލްމާން ޑަބަލް ރޯލަކުން ފެންނާނެ ފިލްމުގެ ބަތަލާ އަކީ މިހާރު އިންޑިއާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ ވިކީ ކޯޝަލްގެ "ޗާވާ" ގެ ވެސް ބަތަލާ ރަޝްމިކާ މަންދާނެ އެވެ.
އޭނަ އަކީ ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ "ޕުޝްޕާ" ގެ ވެސް ބަތަލާ އެވެ.
"ސިކަންދަރް" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި ސަތިއަރާޖް ހިމެނެ އެވެ.
ފިތުރުގައި މި ފިލްމު ގެނެސްދޭން ތާވަލުކޮށްފައިވާ މުރްގަދޯސް މިހާރު ވަނީ އާ ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ. އެއީ ތަމަޅަ އެކްޝަން ތުރިލާ "މަދަރާސީ" އެވެ. އޭނަ އަކީ އާމިރު ޚާންގެ "ގަޖްނީ" އާއި އަކްޝޭ ކުމާރުގެ "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.