Last Updated: July 18, 05:59
Friday, July 18, 2025
ކުޅިވަރު

ފަހު ވަގުތު ޖެހި ގޯލުން ބަޔާން ގަދަ 16 އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ދެވަނަ ލެގުގައި ރޭ ސެލްޓިކްއާ 1-1 އިން އެއްވަރުކޮށް މުބާރާތުގެ ގަދަ 16 އަށް ބަޔާން މިއުނިކް ދަތުރުކޮށްފި އެވެ.

މި ދެ ޓީމު ސެލްޓިކްގެ ދަނޑުގައި ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބު ކުރީ ބަޔާނުންނެވެ. މުބާރާތުގެ ގަދަ 16 އަށް ބަޔާން ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ލީޑު ނަގަން ސެލްޓިކަށް ރަނގަޅު ހަތަރު ވަރަކަށް ފުރުސަތު ލިބި ބޭކާރުވެފައިވެ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާންގެ ފޯވާޑް ހެރީ ކޭން ފޮނުވާލި ހަމަލާއެއް ސެލްޓިކުގެ ދަނޑި އަށް އަމާޒުވެފައިވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ސެލްޓިކަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ކޫން އެވެ. މި ގޯލަށް ފަހު ސެލްޓިކުން ވަރަށް ބޮޑަށް ޑިފެންސިވްކޮށް ކުޅެމުންދިޔައިރު ބަޔާނުން ދިޔައީ ސެލްޓިކްގެ ޑިފެންސް ފޫއަޅުވާލަން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ބަޔާނަށް ނަތީޖާ އެއްވަރުކޮށްދިނީ އަލްފޮންސޯ ޑޭވިސް އެވެ.

މުބާރާތުގެ ގަދަ 16 އަށް ބަޔާން ދަތުރުކޮށްފައިވާއިރު، ފޭނޫޑް އަތުން 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވެ އޭސީ މިލާން ވަނީ މުބާރާތުން ކަޓައިފަ އެވެ.