އައްޑޫ ލިންކް ރޯޑްގެ އެކި ބައެއް ހިސާބުތައް ވަރަށް ބޮޑަށް ހަލާކުވެ، ގިނަ އަދަދެއްގެ ވަޅުގަނޑުތައް ހެދިފައިވާތީ ވަގުތީ ގޮތުން އަނެއްކާ ވެސް މަރާމާތު ކުރަން ފަށައިފި އެވެ.
ކައުންސިލުން ބުނީ އެ މަސައްކަތް ކުރިއަށް ދަނީ ވަޅުގަނޑުތަކަށް ތާރު އަޅައިގެން ކަމަށެވެ. އެ މަސައްކަތް ކުރިއަށް ގެމްދަނީ ކައުންސިލްގެ ބެލުމުގެ ދަށުން ޕަބްލިކް ވޯކްސްގެ އެހީތެރިކަމާ އެކުގަ އެވެ.
"މި މަސައްކަތް ކުރެވެމުން ދަނީ މިވަގުތު ކައުންސިލުގައި ހުރި މަދު ވަސީލަތްތައް ބޭނުންކޮށްގެން ރަމަޟާން މަހަށް ނިންމާލެވޭ ގޮތަށް ރޭވިގެން." ކައުންސިލުން ބުންޏެވެ.
ލިންކް ރޯޑް ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ތާރުގެ އިތުރުން ކޮންކްރީޓާއި ވެލި އަޅައިގެން ވެސް ވަޅުގަނޑުތައް ވަގުތީ ގޮތުން މަރާމާތުކޮށްފައިވެ އެވެ.
ލިންކް ރޯޑް ހަލާކުވެފައި އޮތުމުން ދުއްވާ ތަކެއްޗަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. މި މަގާ ގުޅިފައި އޮތް ހަންކެޑެއިގެ އާ ބްރިޖް މި މަހުގެ 1 އިން ފެށިގެން ވަނީ ބޭނުން ކުރަން ފަށައިފަ އެވެ. މަރަދޫ ބޮޑުމަގުގެ ކޮޅާ ގުޅިފައި އޮތް މި ބްރިޖަކީ އިންޑިއާގެ އެހީގައި އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާންޓްރަޗާ އިން ހަދާފައިވާ ބްރިޖެކެވެ.
މި ސަރުކާރުން ބުނެފައިވާ ގޮތުގައި ލިންކް ރޯޑް ތަރައްގީ ކުރަން މި އަހަރުގެ ތެރޭގައި ވަކި މަޝްރޫއެއް ހިންގާނެ އެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިދިޔަ އަހަރު ވިދާޅުވެފައި ވަނީ އެ މަޝްރޫއު ކުރިއަށް ގެންދާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެންނެވެ.
އައްޑޫ ލިންކް ރޯޑަކީ 2003 އިން ފެށިގެން ބޭނުން ކުރަމުން އަންނަ މަގެކެވެ.