Last Updated: May 5, 21:07
Monday, May 5, 2025
މުނިފޫހިފިލުވުން

ސަލްމާން ހޮލީވުޑްގެ ފިލްމުގެ ޝޫޓިންގައި!

ބޮލީވުޑްގެ ތަރި، ސަލްމާން ޚާން މިހާރު ސައުދީ އަރަބިއްޔާގައި ޝޫޓްކުރަމުން އަންނަ ހޮލީވުޑްގެ ފިލްމަކީ ސްޕެއިންގެ ޑައިރެކްޓަރު ރޮޑްރިގޯ ގްރޭރޯ ގެނެސްދިން ސްޕެއިންގެ ފިލްމު "ސެވަން ޑޯގްސް" ގެ ހޮލީވުޑް ރިމޭކް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ބޮޑު ބަޖެޓް ތުރިލާގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ސައުދީގެ ރިޔާދުގައި ގާއިއުމުކޮށްފައިވާ އަލް އުލާ ސްޓޫޑިއޯގައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެގޮތުން ސަލްމާންގެ ހާއްސަ ފެނިލުންތަކެއް ހިމެނޭ ފިލްމަށް އޭނަ ޝޫޓްކުރާ މަންޒަރުތައް ނަގަނީ މުމްބާއީގެ ދަރާވީ ގޮތަށް ތައްޔާރުކޮށްފައިވާ ސެޓެއްގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މީގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މިއަދު ދައުރުވެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ހާއްސަަ ފެނިލުމެއްގައި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.

ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ނު؛ލިބޭ ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންވެ ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.

މި ފިލްމު ވާނީ ސަލްމާނާއި ސަންޖޭ ވެސް ހޮލީވުޑްގެ ފިލްމެއްގައި ހިއްސާވާ ފުރަތަމަ ފަހަރަށެވެ.

"ސެވަން ޑޯގްސް" އަކީ 2021 ގައި ގެނެސްދިން ފިލްމެކެވެ. މީގެ މައިގަނޑު ޕްލޮޓް އެނބުރެނީ ހަތް ކުއްތާއާ އެކީ އެކަނި ދިރިއުޅޭ ފިރިހެނެއްގެ ވަަށައިގެންނެވެ. މީގެ ސަބަބުން އޭނަގެ އަވައްޓެރިންގެ ފަރާތުން ކުރިމަތިވާ ޝަކުވާތަކާ ގުޅިގެން ހިނގާ ޝައުގުވެރި ހާދިސާތަކެއް ފިލްމުން ފެނިގެންދެ އެވެ.