ފިލިޕީންސްގައި ޑެންގޫއާ ދެކޮޅަށް ކުރާ މަސައްކަތުގެ އެ ގައުމުގެ އަވަށެއްގައި މަދިރި ހިފާ މީހުންނަށް ފައިސާ ދޭ ޕްރޮގްރާމެއް ފަށައިފި އެވެ.
މަސް ދުވަހުގެ މުއްދަތަށް ކާލިޓޯ ކާނަލްގައި ކުރިއަށްދާ މަދިރި ހިފުމުގެ ޕްރޮގްރާމްގެ ތެރޭގައި ހިފާ ކޮންމެ ފަސް މަދިރިއަކަށް އެއް ޕެސޮސް ދޭން އެތަނުގެ ހެލްތު ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ. އެތަނުން ބުނީ ދިރޭ މަދިރި އާއި މަރުވެފައިވާ މަދިރީގެ އިތުރުން މަދިރީގެ ފަނި ވެސް ބަލައިގަންނާނެ ކަމަށެވެ. އަދި ދިރޭ މަދިރި އާއި ފަނި އަލްޓްރާވައިލެޓް ލައިޓްގެ އެހީގައި ނައްތައިލާނެ ކަމަށް ބުންޏެވެ.
މަދިރި ހިފާ މީހުންނަށް ފައިސާ ދޭ ޕްރޮގްރާމެއް ފެށުމުން ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް އެކަމަށް އަމާޒުވެފައިވެ އެވެ.
ނަމަވެސް ހެލްތު ޑިޕާޓްމަންޓުން ބުނީ ޑެންގޫ ފެތުރޭ މިންވަރާ މެދު ކަންބޮޑުވާ ކަމަށާއި ދާދި ފަހުން ވެސް ދެ ކުއްޖަކު އެ ބަލީގައި މަރުވެފައުވާ ކަމަށެވެ. އެހެންވެ ފައިސާ އަށް މަދިރި ހިފުމަކީ މަދިރި ނައްތައިލަން ކުރާ މަސައްކަތަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު އިތުރުވާނެ ކަމެއް ކަމަށް ހެލްތު ޑިޕާޓްމަންޓުން ބުންޏެވެ.
ކާލިޓޯ ކާނަލްގައި ހިންގާ މި ޕްރޮގްރާމަށް ފިލިޕީންސްގެ މައި ހެލްތު ޑިޕާޓްމަންޓް (ޑީއޯއެޗް) އިން ވެސް މަރުހަބާ ކިޔާފައިވެ އެވެ. އެތަނުން ބުނީ މިއީ ސަރަހައްދީ ފެންވަރުގައި ޑެންގޫއާ ދެކޮޅަށް ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް ދެކޭ ކަމަށެވެ.
މަދިރި ހިފާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 21 މީހަކަށް ފައިސާ ދީފައިވެ އެވެ.