ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ދެވަނަ ލެގުގައި ރޭ މެންޗެސްޓާ ސިޓީ 3-1 އިން ބަލިކޮށް މުބާރާތުގެ ގަދަ 16 އަށް ރެއާލް މެޑްރިޑް ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ސިޓީގެ ދަނޑުގައި ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބު ކުރީ ރެއާލުންނެވެ. މުބާރާތުގެ ގަދަ 16 އަށް ރެއާލް ދަތުރުކުރީ 3-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ރެއާލަށް ލީޑު ނަގައިދީފަ އެވެ. މިއީ ރެއާލް ޑިފެންޑަރު ރައުލް އެސެންސިއޯ ދިން ޕާހެއްގެ ބޭނުން ހިފައި ސިޓީގެ ގޯލްކީޕަރު އެޑަސަން ބޯމަތިން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި ސިޓީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލައި އެމްބާޕޭ ވަނީ ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކު ފުރިހަމަކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭޒް އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ރެއާލްގެ އިތުރުން ރޭ ޕީއެސްޖީން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ. ޕީއެސްޖީ ގަދަ 16 އިން ޖާގައެއް ހޯދީ ޕްލޭއޮފް ދެވަނަ ލެގުގައި ރޭ ބްރެސްޓް 5-0 އިން ބަލިކުރުމަށްފަހު އެވެ. އަދި ޕީއެސްވީ އަތުން 3-1 އިން ބަލިވެ ޔުވެންޓަސް ވަނީ މުބާރާތުން ކަޓައިފަ އެވެ.