ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަކީ ޑިކްޓޭޓަރެއްގެ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފި އެވެ.
ޔުކްރެއިން އާއި ރަޝިއާއާ ދެމެދު ހިންގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން މިހާރު ވަނީ ރަޝިއާއާއެކު މަޝްވަރާތައް ފަށައިފަ އެވެ. ނަމަވެސް މި މަޝްވަރާތަކުގައި ޔުކްރެއިން ބައިވެރި ނުކުރާއިރު ޒެލެންސްކީ ވަނީ މި މަޝްވަރާތަކުން ނިންމާ ނިންމުންތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް 'ޓްރުތް ސޯޝަލް' ޕްލެޓްފޯމުގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒެލެންސްކީ ފަށައިގެން އުޅެނީ ކާމިޔާބު ނުވާނެ އަދި ފަށަން ނުވެސް ޖެހޭ ހަނގުރާމައެއް ކަމަށާއި މި ހަނގުރާމައާ ގުޅިގެން އެމެރިކާ އިން މިހާތަނަށް 200 ބިލިއަން ޑޮލަރު ޔުކްރެއިނަށް ފޮނުވާފައިވާއިރު އޭގެ ބަދަލުގައި އެމެރިކާ އަށް ލިބުނު އެއްޗެއް ނެތް ކަމަށެވެ. އަދި އެމެރިކާ އިން ފޮނުވި ފައިސާއިން ބައެއް ގެއްލިފައިވާ ކަމަށް ޒެލެންސްކީ ވެސް އަމިއްލަ އަށް އެއްބަސްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޒެލެންސްކީ އަކީ އިންތިހާބުތައް ބާއްވަން ދެކޮޅު ހަދާ "ޑިކްޓޭޓަރެއް" ކަމަށާއި އެއީ ޔުކްރެއިންގައި ވެސް މިހާރު މަގުބޫލުކަން ކުޑަ ފަރާތެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ޒެލެންސްކީ ހަމައެކަނި މޮޅީ އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އޮޅުވާލައިގެން ގެންގުޅުން ކަމަށާއި ޔުކްރެއިންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ޒެލެންސްކީ އަށް ރަނގަޅު މަސައްކަތެއް ކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓުވަން ރަޝިއާއާއެކު ކުރިއަށްގެންދާ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށްވެސް ވިދާޅުވެފަ އެވެ. ހަނގުރާމަ ހުއްޓުވައި ސުލްހަ ގެންނަން މީގެކުރިން އެމެރިކާގެ ވެރިކަމުގައި ހުންނެވި ބައިޑެން އަދި ޔޫރަޕްގެ ގައުމުތަކުން ވެސް މަސައްކަތްކޮށްފައި ނުވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.