ބޮލީވުޑްގެ މި އަހަރުގެ ފުރަތަމަ ބޮޑު ހިޓަކަށް މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ވިކީ ކޯޝަލްގެ ޕީދިއަޑް ފިލްމު "ޗާވާ" ވެއްޖެ އެވެ.
ފިލްމަށް ބެލުންތެރިމްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިއްޔެގެ ނިޔަލަށް އިންޑިއާ އެކަނި ފިލްމަށް ލިބުނު އާމްދަނީ ވަނީ 203.68 ކްރޯޑް ރުޕީސް (23.5 މިލިއަން ޑޮލަރު) ލިބިފަ އެވެ. "ޗާވާ" އަކީ ރިލީޒްކުރޮ ދުވަހު އެކަނި ވެސް އިންޑިއާ އިން 33.10 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު) ހޯދި ފިލްމެކެވެ.
ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދިން ފިލްމަކީ 130 ކްރޯޑް ރުޕީސް (15 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި ފިލްމެކެވެ. މިހާތަނަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ 250 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ "ޗާވާ" ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު، މި ފިލްމު ގެނެސްދިން މެޑޮކް އަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ "އިސްތިރީ 2" ވެސް ގެނެސްދިން ސްޓޫޑިއޯއެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ޖުމްލަ އާމްދަނީ 874.58 ކްރޯޑް ރުޕީސް (100،8 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
އަދި މިދިޔަ މަހު މެޑޮކް އިން ގެނެސްދިން "ސްކައި ފޯސް" އަކީ ވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.
"ޗާވާ" އަކީ ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މީގައި ވިކީ ކުޅެފައިވާ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ސަނބާޖީ މަހާރާޖްގެ ރޯލެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި އަކްޝޭ ކަންނާ އެވެ.
ކްރިޓިކުންގެ ތައުރީފު ވެސް ވަރަށް ބޮޑަށް ލިބިފައިވާ "ޗާވާ" އަކީ ކުރިން ވެސް ނެޝަނަލް އެވޯޑް ހޯދާފައިވާ ވިކީ އަށް އަނެއްކާ ވެސް މޮޅު އެކްޓަރުގެ އެވޯޑް ހައްގުވާ ވަރުގެ ފިލްމެއް ކަމަށް ވަރަށް ގިނަ ކްރިޓިކުން ބުނެފައވެ އެވެ. އަދި މިއީ ގްރޭންޑްކޮށް ހަދާފައިވާ ފިލްމެއްކަމުން ބޮޑު ސްކްރީނުން "ޗާވާ" ބަލާލުމަކީ ސިނަމާތަކަށް ލޯބިކުރާ މީހުންނަށް ވަރަށް ވެސް ހާއްސަ ކަމެއް ކަމަށް ކްރިޓިކުން ބުނެފައިވެ އެވެ..