Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޒަކާތު ހައުސް އަށް ސަދަޤާތް ޖަމާކުރެވޭ ގޮތް ހަދަނީ

ޞަދަޤާތައި ޚައިރަތާއި ހިބަ އާއި ނޫން ވެސް ހެޔޮކަން ކަމަށް ހޭދަ ކުރަން ދެވޭ ފައިސާ ޒަކާތު ހައުސް ޖަމާކުރެވޭނެ ނިޒާމެއް އަންނަ ހަފުތާގައި ގާއިމު ކުރަން ނިންމައިފި އެވެ.

ޒަކާތު ހައުސް އަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މުއައްސަސާއެކެވެ. އެތަން އިފުތިތާހު ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 2 ގަ އެވެ. ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް ޒަކާތު ހައުސް އުދެއްވީ ޑިސެމްބަރު 18، 2023 ގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސް އަށް މުދަލު ޒަކާތުގެ ފައިސާގެ އިތުރުން ޞަދަޤާތައި ޚައިރަތާއި ހިބަ އާއި މި ނޫން ވެސް ހެޔޮކަންކަމަށް ހޭދަކުރަން ދެވޭ ފައިސާ ޖަމާކުރެވޭނެ ނިޒާމެއް ގާއިމުރުމުގެ އިންތިޒާމުތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ ބޭނުމަކީ ރާއްޖޭގެ ރައްޔިތުން ހެޔޮކަން ކަމަށް ކުރާ ހޭދަ ރާއްޖޭގައި ބޭނުން ޖެހިފައިވާ ދާއިރާތަކަށް ހޭދަކުރުމުގެ ނިޒާމެއް އުފެއްދުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހެޔޮ ކަންކަމަށް ހޭދަކުރުމުގެ ޙާޖަތު ރާއްޖޭގައި ވަރަށް ބޮޑަށް އޮތް ހިނދު، ރާއްޖޭގެ މުޖުތަމަޢު ހެޔޮ ގޮތުގައި ބިނާކުރަން އިސްކަން ދިނުން މުހިންމު ކަމަށެވެ. އަދި ވަރަށް ގިނަ ރަށް ރަށަށް މިސްކިތްތަކާއި ޤުރުއާން ކްލާސްތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ވެސް ހޯދަން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ ރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީ ކުރަމުން އަންނަނީ އިސްލާމީ ދުނިޔޭގެ ނަމޫނާ ޒަކާތުގެ އިދާރާއެއް ކަމަށްވާ ކުވައިތު ޒަކާތު ހައުސް ނަމޫނާ އަކަށް ބަލައިގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.