Last Updated: May 9, 10:56
Friday, May 9, 2025
ދުނިޔެ

އިނގިރޭސި ނޫސްވެރިޔަކު ބްރެޒިލްގައި ގެއްލިއްޖެ

ބްރެޒިލްގައި ދިރިއުޅެމުން އަންނަ އިނގިރޭސިވިލާތުގެ އަންހެން ނޫސްވެރިޔަކު ގެއްލިއްޖެ އެވެ.

އެސޯސިއޭޝަން ފޯ ފޮރިން ކޮރެސްޕޮންޑެންޓުން ބުނީ ގެއްލިގެން ހޯދަނީ ޗާލޮޓް ޕީޓް، 32، ކަމަށެވެ. އޭނަގެ ޚަބަރެއް އެންމެ ފަހުންވީ މި މަހުގެ 8 ގައި ކަމަށާއި އޭގެ ފަހުން ޗާލޮޓްގެ އެއްވެސް ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޖަމާއަތުން ބުނި ގޮތުގައި ޗާލޮޓް އެންމެ ފަހުން އެކުވެރިޔަކާ މުއާމަލާތްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު ވަޓްސްއެޕް މެސެޖްތަކަކުންނެވެ. އެގޮތުން ހުންނާނެ ތަނެއް ހޯދައި ދޭން އޭނަ އެދިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އެ މުއާމަލާތަށް ފަހު، އޭނަގެ އެއްވެސް ޚަބަރެއް ވެފައެއް ނުވެ އެވެ.

އެގޮތުން ޗާލޮޓްގެ އެއްވެސް ޚަބަރެއް އާއިލާގެ މީހުންނަށް ވެސް ވެފައި ނުވާތީ ފުލުހުންނަށް އޭނަ ގެއްލިގެން ރިޕޯޓްކުރީ 17 ވަނަ ދުވަހު އެވެ. އޭގެ ފަހުން ސައޮ ޕޯލޯގެ ފުލުހުން އަންނަނީ ޗާލޮޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނަ ބްރެޒިލްގައި ގެއްލުނު އިރު، އެ ގައުމުގައި ދިރިއުޅޭތާ ދެ އަހަރުވެއްޖެ އެވެ. ޗާލޮޓަކީ ފްރީލާންސް ނޫސްވެރިއެކެވެ.