Last Updated: July 18, 05:59
Friday, July 18, 2025
ކުޅިވަރު

ވެސްޓްހަމް އަތުން އާސެނަލް ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހަމް ޔުނައިޓެޑް އަތުން 1-0 އިން އާސެނަލް ބަލިވެއްޖެ އެވެ.

މި މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލްއާ ގާތަށް ޖެހިލުމުގެ ފުރުސަތު އާސެނަލަށް އޮތް ނަމަވެސް، އެޓީމު މިހާރު އޮތީ 26 މެޗުން ލިބުނު 53 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގަ އެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 26 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މާދަމާ ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެއްވަނައިގައި ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް ނެގޭނެ އެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފް ނިމެން ގާތް ވެފައިވަނިކޮށް ވެސްޓްހަމަށް ކާމިޔާބުކޮށްދިނީ ޖެރަޑް ބޮވެން އެވެ. މިއީ ވެސްޓްހަމުން އުފެއްދި ކައުންޓަ އެޓޭކެއްގައި އާރޮން ވެން ބިސާކާ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ބޮވެން ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 73 ވަނަ މިނެޓްގައި އާސެނަލްގެ ޒުވާން ފުލްބެކް މައިލްސް ލުވިސް ސްކެލީ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މި ރަތްކާޑު އޭނާ އަށް ދެއްކީ ވެސްޓްހަމްގެ މުހައްމަދު ކުޑުސް އަށް ކުރި ފައުލަކާއި ގުޅިގެންނެވެ.

އާސެނަލުން ނަތީޖާ އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ވެސްޓްހަމްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ވަނީ ނުވެފަ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފަހަތުން އަރައި 2-2 އިން އެވަޓަންއާ އެއްވަރުކޮށްފަ އެވެ. ޓޮޓެންހަމުން 4-1 އިން އިޕްސިވިޗް ބަލިކުރިއިރު، ބޯންމަތް ވަނީ 1-0 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. އަދި ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ފުލަމް ބަލިކޮށްފަ އެވެ.