ސްޕެނިޝް ލީގުގައި ރޭ ލަސް ޕަލްމާސް 2-0 އިން ބަލިކޮށް ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 25 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 25 މެޗުން ލިބުނު 53 ޕޮއިންޓާ އެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި 24 މެޗުން ލިބުނު 51 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
ލަސް ޕަލްމާސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 62 ވަނަ މިނެޓްގައި ޑެނީ އޮލްމޯ ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ. މިއީ ރަފީނިއާ ދިން ޕާހަކުން ލަސް ޕަލްމާސްގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން އޮލްމޯ ކާމިޔާބިކުރި ގޯލެކެވެ.
މި މެޗުން ބާސާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ފެރަން ޓޮރޭސް އެވެ. މި ގޯލު ޓޮރޭސް ކާމިޔާބުކުރީ ލަސް ޕަލްމާސްގެ އޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ލީގުގެ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑުން ރޭ ވަނީ 3-0 އިން ވެލެންސިއާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މި މެޗުގައި އެތްލެޓިކޯ އިން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޖޫލިއަން އަލްވަރޭޒް އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ އެންހެލް ކޮރީޔާ އެވެ.
ލީގުގެ ތިންވަނައިގައި އޮތް ރެއާލް މެޑްރިޑުން މިރޭ ޖިރޯނާއާ ދެކޮޅަށް ނިކުންނާނެ އެވެ.