Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ޒަކިއްޔާގެ މަރު އެޗްއާރްސީއެމުން ވެސް ތަހުގީގު ކުރަނީ

ނ. ހޮޅުދޫގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވައި މިދިޔަ އަހަރު ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

އެތަނުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ގާތްތިމާގެ މީހުންގެ ފަރާތުން ކޮމިޝަނަށް މި މައްސަލައިގެ ތަހުގީގު ދާގޮތާމެދު ހުރި ކަންބޮޑުވުންތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުން ދާ ގޮތް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުންޏެވެ. އެޗްއާރްސީއެމް އިން ބުނީ މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުން ހުރި ލިޔެކިޔުންތައް ފުލުހުންގެ ފަރާތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް ކޮމިޝަނުން ދިރާސާ ކުރަމުން ވެސް އަންނަ ކަމަށެވެ.

ޒަކިއްޔާ، 50، ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ. މަރުގެ ތަހުގީގުގެ ބޭނުމަށް ހަށިގަނޑު މާލެ ގެންދިއުމަށް ފަހު އަލުން ހޮޅުދު އަށް ގެންގޮސް ވަޅުލީ ސެޕްޓެމްބަރު 12 ގަ އެވެ.

މި މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބުނީ ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް މަރުގައި ސުވާލު އުފެދޭތަކެއް ހުރި ކަމަށް ބުނެ އަދި އެ މައްސަލައިގައި އިންސާފު ނުލިބި ލަސްވަމުންދާ ކަމަށް ހޮޅުދޫގައި އަންނަނީ ސިލްސިލާ އަށް މުޒާހަރާތަކެއް ވެސް ބާއްވަމުންނެވެ. އެގޮތުން އިއްޔެ ވެސް ރަށުގެ ޕޮލިސް ސްޓޭޝަން ސަރަހައްދަށް ރައްޔުތުންގެ އެއްވެ އަޑު އުފުލާފައިވެ އެވެ.