Last Updated: May 9, 11:16
Friday, May 9, 2025
ދުނިޔެ

ނިއު ޒީލެންޑްގެ ފައްޅިތަކެއްގައި ރޯކޮށްލައިފި

ނިއު ޒީލެންޑްގެ ފައްޅިތަކަށް ގެއްލުން ދީފި އެވެ.

އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނީ ވެރިރަށް ވެލިންޓަންގެ އުތުރުން އިޮންނަ މާސްޓަޓަން އަވަށުގެ ހަތް ފައްޅިއެއް ރޯކޮށްލަން މަސައްކަތްކޮށްފައިވާ އިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި ރޯކޮށްލައި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި އަނެއް ތިން ތަނަށް ވެސް އެކި ވަރުގެ ގެއްލުންވެފައިވެ އެވެ.

ރޯވި ފަޅިތަކުގެ ތެރޭގައި ހިިމެނެނީ ދި އެންޖެލިކަން ޗާޗް އޮފް ދި އެޕިޕޭނީ އާއި ސެއިންޓް ޕެޓްރިކްސް ކެތޮލިކް ޗާޗް މާސްޓަޓަން އާއި މާސްޓަޓަން ބެޕްޓިސްޓްގެ އިތުރުން އިކްއިޕާސް ޗާޗް މަސްޓަޓަން އެވެ.

ފައްޅިތަކުގައި ރޯކުރި ހާދިސާއާ ގުޅިގެން ފަޔަ އެންޑް އެމަޖެންސީން ބުނީ ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގައި މިހާރު ފުލުހުން ވެސް ހަރަކާތްތެރިވަމުުން އަންނަ ކަމަށާއި މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައި މާސްޓަޓަންގެ މޭޔަރު ގެރީ ކެފެލް ވިދާޅުވީ މިއީ އުންމީދު ވެސް ނުކުރާ ކަހަލަ ހާދިސާއެއް ކަމަށާއި މީގެ ސަބަބުން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

ނިއު ޒީލެންޑްގެ ފައްޅިތަކަކަށް ގެއްލުން ދިން އިރު، 2019 ގައި އެ ގައުމުގެ ކްރިސްޓްޗާޗްގެ ދެ މިސްކިތަކަށް ބަޑިން މީހަކު ދިން ހަމަލާތަކެއްގައި 51 މީހަކު މަރާލާފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އޯކްލެންޑް ފައްޅިއެއްގައި ދެ ފަހަރެއްގެ މަތިން ރޯކޮށްލާފައިވާ އިރު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހަމަ އެ ސަރަހައްދުގެ މިސްކިތެއްގައި ވެސް ރޯކޮށްލާފައިވެ އެވެ.