ދެން ނެރޭނީ އާންމުން އެއްގޮތަކަށް ވެސް އުންމީދު ނުކުރާ ކަހަލަ އަލްބަމެއް ކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ބުނެފި އެވެ.
ބާބެޑޯސް އަށް އުފަން ފަންނާނު، ހާޕާސް ބާޒާރަށް ދިން އިންޓަވިއުއެއްގައި ބުނީ އާ އަލްބަމް ވާނީ "ކޮމާޝަލް ނޫން" އަދި "ރޭޑިއޯ ޑައިޖެސްޓަބަލް ނޫން" އަލްބަމަކަށް ކަމަށެވެ.
"ވަރަށް އުންމީދު ނުކުރާ ޒާތުގެ އަލްބަމެއް ދެން ނެރޭނީ." ދުނިޔޭގެ އެންމެ ނުފޫޒު ފަންނާނުންގެ ތެރޭގައ ހިމެނޭ ރިއާނާ ބުންޏެވެ.
އޭނަ ބުނީ އާ އަލްބަމްގެ ލަވަތައް ވަކި ޖޯންރާއަކަށް ވެސް ހާއްސަ ވެސް ނުވާނެ ކަމަށާއި އެ އަލްބަމްގެ އެންމެ ހާއްސަ އެއް ކަމަކަށް ވާނީ ވެސް އެއީ ކަމަށެވެ. ރިއާނާ ބުނީ ވަރަށް ގިނަ ދުވަސް ފަހުން އަލްބަމެއްގެ މަސައްކަތް ކުރާ އިރު، ބޭނުން ވަނީ ހުރިހާ ގޮތަކުން ވެސްން މުޅިން ތަފާތު އެއްޗެއް ގެނެސްދޭން ކަމަށެވެ. އަދި އާ އަލްބަމެއް ނެރެން އެހާ ގިނަ ދުވަސް ނަގާ ސަބަބަކީ ވެސް އެއީ ކަމަށް އޭނަ ބުންޏެވެ.
ނަމަވެސް އާ އަލްބަމް ނެރޭނެ އިރެއް ރިއާނާ ނުބުނެ އެވެ.
ނުވަ ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ 37 އަހަރުގެ ލަވަކިޔުންތެރިޔާގެ އެންމެ ފަހުގެ އަލްބަމަކީ 2016 ގެ "އެންޓި" އެވެ. އެއީ ދެ ކުދިންގެ މަންމަގެ 8 ވަނަ އަލްބަމެވެ.
ރިއާނާ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއް ވެސް މެ އެވެ. އޭނަގެ މިލްކިއްޔާތު 1.36 ބިލިއަން ޑޮލަރަށް އަރަ އެވެ.