Last Updated: July 17, 23:49
Thursday, July 17, 2025
ކުޅިވަރު

ސިޓީ ބަލިކޮށް ލިވަޕޫލަށް 11 ޕޮއިންޓުގެ ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފި އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 27 މެޗުން ލިބުނު 64 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ، 26 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 26 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ސިޓީ އާއި ފަސް ވަނައިގައި އޮތް ނިއުކާސަލް އަށް ވަނީ 26 މެޗުން 44 ޕޮއިންޓް ލިބިފަ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން 14 ވަަނަ މިނެޓްގައި، މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑުނަގައިދިނީ ކޯނަރެއްގައި ޑޮމިނިކް ސޮބޮސްލާއި ދިން ބޯޅައަކުންނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ދެ ވަނަ ގޯލު ޖެހީ ސަލާހު ދިން ބޯޅައަކުން ސޮބޮސްލާއި އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ކާޓިސް ޖޯންސް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

މިއީ، ސިޓީގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވި ފަހުން ސިޓީ ދަނޑުގައި ލީގު މެޗެއްގައި ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ.