އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމަށް ފަހު ޔޫއެސްއެއިޑްގެ އެހީ ބައެއް ޕްރޮގްރާމްތައް ހުއްޓާލާފައި ވަނިކޮށް އެ އެޖެންސީން 1،000 އަށް ވުރެ ގިނަ މުވައްޒަފުން ވަކި ވެސް ކޮށްފި އެވެ.
އެކަން ހުއްޓުވަން ކޯޓުން ކުރިން ވަގުތީ އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެ އަމުރު މިދިޔަ ހުކުރު ދުވަހު ބާތިލުކޮށްފައިވާ އިރު، މީޑިއާތަކުން ބުނީ ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން އިއްޔެ 1،600 އެއްހާ މުވައްޒަފުން ވަކިކޮށް، 4،200 މުވައްޒަފުން މިހާރު "ވާނުވާގައި" ބައިތިއްބާފައިވާ ކަމަށެވެ.
ޔޫއެސްއެއިޑްގެ އެހީގެ ބައެއް ޕްރޮގްރާމުތައް ޓްރަމްޕްގެ ސަރުކާރުން ހުއްޓުމަކަށް ގެނެސް މުވައްޒަފުން ވަކިކުރަން ފަށާއިރު، މިހާރު އެ އެޖެންސީގައި ތިބީ 600 އެއްހާ މުވައްޒަފުން ކަމަށްވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޔޫއެސްއެއިޑްގެ ލީޑަޝިޕްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުންނާ މި ވަގުތަށް "ކޮންމެހެން ބޭނުން ޖެހޭ" މުވައްޒަފުންތަކެއް ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޔޫއެސްއެއިޑްގެ އެހީގެ ބައެއް ޕްރޮގްރާމްތައް ހުއްޓާލުމާ ގުޅިގެން ވަރަށް ގިނަ ގައުމުތަކަކުން ކަންބޮޑުވުން ވެސް ފާޅުށްފައިވާ އިރު، އެ އެޖެންސީ ސަލާމަތް ކުރަން ގޮވާލައި އެމެރިކާގައި އަންނަނީ އަޑު ވެސް އުފުލަމުންނެވެ. ޔޫއެސްއެއިޑަކީ އިންސާނީ އެހީތެރިކަން ދުނިޔޭގެ އެކި ހިސާބުޔަކަށް ފޯރުކޮށް ދެމުން އަންނަ ތަނެކެވެ.
ޔޫއެސްއެއިޑް އުފެދުނީ 1961 ގަ އެވެ. އަދި އެތަނުގެ ގޮފިތައް 60 އަށް ވުރެ ގިނަ ގައުމުތަކުގައި ގާއިމުކޮށްފައިވެ އެވެ.