ކޮފީ އާއި އައިސް ކްރީމާއި ނޫޑްލްސް އާއި ސައިބޯންޏާއި ދަތް އުނގުޅާ ބޭހުގެ އިތުރުން ވެސް މަގުބޫލު އެތައް އުފެއްދުންތަކެއް ތައްޔާރުކުރާ އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި، ޔުނިލީވާގެ ސީއީއޯ ހީން ޝުމާކޭ އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ މިއަދު މަގާމުން އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވެވަައިގަތްތާ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ޝުމޭކާ ހާމައެއް ނުރައްވަ އެވެ. އޭނަ ވިދާވީ ޔުނިލީވާ މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމަށާއި އޭނަގެ ލީޑަޝިޕްގެ ދަށުން ކުންފުންޏަށް ކުރިއެރުންތަކެއް ވެސް ހޯދައި ދެވިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ޔުނިލީވާ އަށް އިތުރު ކުރިއެރުމާއި ކާމިޔާބީ އަށް ވެސް އެދވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ޝުމޭކާގެ ބަދަލުގައި ޔުނިލީވާގެ ސީއީއޯކަށް މިހާރު ވަނީ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ފާނަންޑޯ ފެނަންޑޭޒް އައްޔަންކުރަން ނިންމައިފަ އެވެ. އޭނަ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ 1 ގަ އެވެ.
އާ ސީއީއޯއަކަށް ފާނަންޑޯ އައްޔަންކުރުމާ ގުޅޭ ގޮތުން ޔުނިލީވާގެ ބޯޑުން ބުނީ އޭނަ އަކީ ވަރަށް ގާބިލު، ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި ފާނަންޑޯގެ ލީޑަޝިޕްގެ ދަށުން ކުންފުންޏަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ފާނަންޑޯ އަކީ ނަތީޖާ ނެރެދޭ، ޔުނިލީވާގެ ކުރިމަގު ބައްޓަންކޮށް ދޭނެ ލީޑަރެއްކަމާ މެދު އެއްޗެސް ޝައްކެއް ނެތް." ކުންފުނީގެ ޗެއާމަން އިއަން މީކިންސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެެވެ.
ޔުނިލީވާ އަކީ 95 އަހަރު ކުރިން ސެޕްޓެމްބަރު 2، 1929 ގައި އުފަންވި ކުންފުންޏެކެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މިހާރު 128،000 އަށް ވުރެ ގިނަ އެވެ.