ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން 13 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލިވަޕޫލް އެއްވަނައިގައި އޮތީ 28 މެޗުން 67 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 27 މެޗުން 54 ޕޮއިންޓާއެކު އާސެނަލް އޮތްއިރު، ތިންވަނައިގައި 27 މެޗުން 48 ޕޮއިންޓު ހޯދައިގެން އޮތީ ނޮޓިންހަމް ފޮރެސްޓް އެވެ. އަދި ހަތަރުވަނައިގައި 27 މެޗުން ލިބުނު 47 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮސްލާއި އެވެ. މިއީ ލުއިސް ޑިއާޒް ދިން ޕާހަކުން ނިއުކާސަލްގެ އޭރިއާ ތެރޭ ހުރެ އެއް ފަހަރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފްގައި ނަތީޖާ އެއްވަރުކޮށްލަން ނިއުކާސަލްގެ ފޯވާޑް ވިލްސަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
މި މެޗުގައި ލިވަޕޫލުން ކާމިޔާބު ކުރި ދެވަނަ ގޯލު މުހައްމަދު ސަލާ ދިން ޕާހަކުން މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު އެލެކްސިސް މެކަލިސްޓާ އެވެ. މި ގޯލަށް ފަހު ލީޑު އިތުރަށް ފުޅާކޮށްލަން ވެސް ލިވަޕޫލަށް މި ހާފުގައި ގިނަ ފުރުސަތުތަކެއް ލިބިފައިވެ އެވެ.
ޕްރިިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ސިޓީން ވަނީ 1-0 އިން ޓޮޓެންހަމް ބަލިކޮށްފަ އެވެ. އާސެނަލް އާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެވަޓަން އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ 3-2 އިން އިޕްސިވިޗް ބަލިކޮށްފަ އެވެ.