މި އަހަރުގެ މެދުތެރޭގައި ރަޝިއާގައި ބާއްވަން ހަމަޖެހިފައިވާ އާޓް މުބާރާތެއްގައި ބައިވެރިވާން ދިވެހި އާޓިސްޓުންނަށް ފުރުސަތު ހުޅުވާލައިފި އެވެ.
ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ މިއީ ރަޝިއާގެ ކަލިނިންގްރާޑްގައި ހުންނަ ޓްރެޓިޔަކޯވް ގެލެރީގައި މި ޖޫން 12-15 އަށް "ކާޓިނާ މިރާ" ގެ ނަމުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތް އިންތިޒާމު ކުރަނީ އެ ގައުމުގެ ޖަމިއްޔާއެއް ކަމަށްވާ "އާޓް-ޕޮޑްގޮޓޮވްކާ" އިންނެވެ.
މުބާރާތް ހާއްސަކޮށްފައި ވަނީ އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާން އާޓިސްޓުންނަށެވެ.
މުބާރާތް ބާއްވަނީ ތިން ކެޓަގަރީއަކަށެވެ. އެއީ ކުރެހުމާއި ގްރެފިކްސް އަދި ޑިޖިޓަލް އާޓެވެ. މުބާރާތުގެ ޝިއާރަކީ "ދަ ވެލިއުސް އޮފް މައި ނޭޝަން އޭސް ޕާޓް އޮފް ދަ ގްލޯބަލް ހިއުމަން ކަލްޗާ" ނުވަތަ "ދުނިޔޭގެ އިންސާނީ ސަގާފަތުގެ ބައެއްގެ ގޮތުގައި އަޅުގަނޑުގެ ހައުމުގެ އަސާސްތައް" އެވެ.
އެންސީއޭ އިން ބުނީ މުބާރާތުގައި ވާދަކޮށް އެކި ކެޓަގަރީތަކުން އެއްވަނަ އަށްދާ އާޓިސްޓުންނަށް ރަޝިއާ އަށް ދިއުމުގެ ފުރުޞަތު ލިބޭނެ ކަމަށާއި ދަތުރުގެ ހަރަދުތައް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައި ދޭނެ ކަމަށެވެ.
ވަނަވަނަ އަށް ހޮވޭ ކުރެހުންތައް ޖޫން މަހު ރަޝިއާގެ ކަލިނިންގްރާޑްގައި ހުންނަ ސްޓޭޓް ޓްރެޓިޔަކޯވް ގެލެރީގައި ޑިސްޕްލޭކުރާނެ އެވެ.
ތިން ކެޓަގަރީން ވެސް ރާއްޖެ އިން މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ އާޓިސްޓުންނަށް ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 1 އެވެ. މުބާރާތާ ބެހޭ އިތުރު މައުލޫމާތާއި ފޯމު މި ލިންކް kartinamira.art/en އިން ލިބޭނެ އެވެ. އެންސީއޭ އަށް ފޯމު ހުށަހަޅާނީ މި މެއިލް info@nca.gov.mv މެދުވެރިކޮށެވެ.