Last Updated: April 30, 19:33
Tuesday, April 30, 2024
ވިޔަފާރި

ގަތަރު ފިޔަވައި އުރީދޫގެ ދެވަނަ "ސްމާޓް ސިޓީ"އަކަށް ރާއްޖެ

މުއާސަލާތީ ހިދުމަތް މެދުވެރިކޮށް އާއްމު ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމުގެ ގޮތުން އުރީދޫއިން "ސްމާޓް ސިޓީ"ގެ ހިދްމަތް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސްމަޓް ސިޓީގެ ހިދްމަތް ރާއްޖެއަށް ތައާރަފްކުރުމަށް އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މިހިދްމަތް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ނައިބް ރައީސް އަހްމަދު އަދީބް އާއި އުރީދޫގެ ޗެއާމަން ޚާލިދު އަލް މަހުމޫދު އާއި ސީއީއޯ ވިކްރަމް ސިންހަ އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް އަހްމަދު އަދީބް ވިދާޅުވީ ރާއްޖޭގައި ސްމާޓް ސިޓީއެއް ހެދުމަށް އުރީދޫން އިސް ނެގުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އަދި ގަތަރު ފިޔަވައި ދެވަނައަށް ރާއްޖޭގައި ސްމާޓް ސިޓީ ތައާރަފްކުރުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްޤީވެގެން އަންނަ އިރު މިފަދަ ހިދްމަތްތައް ތައާރަފް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އޭގެ ސަބަބުން ގިނަ ބަޔަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި، އުރީދޫގެ ޗެއާމަން ޚާލިދް އަލް މަހްމޫދު ވިދާޅުވީ އުރީދޫ އިން ގަތަރު ފިޔަވައި ދެވަނައަށް ސްމާޓް ސިޓީ ތައާރަފުކުރީ ރާއްޖޭގައި ކަމަށެވެ.

ހާލިދު ވިދާޅުވީ އުރިދޫ މޯލްޑިވްސް އަކީ އެކުންފުނީގެ 17 އޮޕަރޭޝަނާ އަޅާބަލާއިރު ވަރަށް ކުޑަ އޮޕަރޭޝަނެއް ނަމަވެސް އަބަދުވެސް އާ ހިދްމަތް ފޯރުކޮށް ރައްޔިތުންގެ ދިރިއުޅުން ބަދަލު ކުރުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

ހާލިދު ވިދާޅުވީ ސްމާޓް ސިޓީ ތައާރަފްކުރުމުގެ ބޭނުމަކީ މުއާސަލާތީ ހިދުމަތް މެދުވެރިކޮށް އާއްމު ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުން ކަމަށެވެ.

އުރީދޫގެ ސްމާޓް ސިޓީ ތައާރަފް ކުރުމުގެ ގޮތުން އުރީދޫން ވަނީ މާލޭގެ އާންމު ހިސާބުތަކުގައި "އުރީދޫ ވައިފައި ހޭންގްއައުޓް އޭރިއާ" ގެ ހިދުމަތް ދޭން ފަށައިފަ އެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތައް، ފެރީ ޓާމިނަލްތައް، ޔޫތު ސެންޓަރު އަދި މަޝްހޫރު ކެފޭތައް ހިމެނެ އެވެ.

އޭގެ އިތުރުން "ފްރީ ވައިފައި ސާވިސް"ގެ ދަށުން ކޮންމެ ކަސްޓަމަރަކަށް ކޮންމެ ދުވަހަކު އެފަދަ އޭރިއާތަކުގައި 50 އެމްބީގެ ހިލޭ ޑޭޓާ ބޭނުންކުރެވޭނެ އެވެ.

އުރީދޫވަނީ ފާއިތުވި 10 އަހަރުތެރޭގައި ރާއްޖޭގެ މުވާސަލާތީ ހިދްމަތަށް އިންގިލާބެއް ގެނެސްފައެވެ. އެކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަމުން އަންނަ އިރު "ޝުކުރިއްޔާ މޯލްޑިވްސް"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ވެސް އަންނަނީ ހިންގަމުންނެވެ.

.