Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ސަރުކާރުން ގާނޫނީ ވެރިކަމަށް ރުޖޫއަަވޭ: ސޯލިހް

ރާއްޖޭގެ މިސްރާބު ހުރީ ހުދުމުހުތާރުވެރި ކަމަކާ ދިމާއަށް ކަމަށާއި ސަރުކާރުން ގާނޫނީ ވެރިކަމަށް ރުޖޫއަވާން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮއްވާލައިފި އެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓް ކަމަށްވާ ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ހިނގަމުން ދަނިކޮށް އެ މައްސަލައަށް ސިޔާސީ ނުފޫޒު ފޯރުވައި ފަނޑިޔާރުންނަށް ބިރު ދެއްކުމަކީ ނާތަހުޒީބު ހުތުރު އަމަލެއް ކަމަށް ވެސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ކަންކަން ހުއްޓާލައި ގާނޫނުގެ ވެރިކަމަށް ރުޖޫއަވުމަށް ދައުލަތުގެ ވެރިންނަށް ގޮވާލަން،" ސޯލިހު ވިދާޅުވި އެވެ. "ދިވެހިރާއްޖޭގެ މިވަގުތު މިސްރާބު ޖަހާފައި މިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް."

އެ މަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުން ލާޒިމުވާ ގޮތަށް މަޖިލީހުން ފާސްކުރި ބިލާއި، އެ ބިލު ފާސްކުރުމާއެކު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރުމަކީ ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބުގެ މަގަށް ގެންދިޔުން ކަމަށެވެ.

އަދި ސަރުކާރުން އެފަދަ ކަންކަން ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ހުރިހާ ބާރުތަކެއް އެއް ކުރަން ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.

"އެތައް ބައެއްގެ ބުރަ މަސައްކަތުން އަޅުގަނޑުމެން އެންމެން ހޯދި ހައްގުތަކާއި ތިން ބާރު ވަކިވެފައިވާ ނިޒާމު ހަރާބުގެ މަގަށް މި ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރެއަށް ބާރުތައް އެއް ކުރަން،" ސޯލިހު ވިދާޅުވި އެވެ. "އެކަމުގެ ހިތި ނަތީޖާ ތަހަންމަލު ކުރަން ޖެހޭނީ އާންމު ދިވެހި ރައްޔިތުން."

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ފާސްކުރުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔައި، ޖުޑިޝަރީ އަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރަމުންނެވެ.