Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްފި

ކުރީ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ކުލި ބޮޑުކޮށްފި އެވެ.

ކުރީ ސަރުކާރުން ނިންމާފައި އޮތީ 4،000 ފްލެޓްގެ ތެރޭގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓް މަހަކު 5،000 ރުފިޔާއަށް އަދި ތިން ކޮޓަރީގެ ފްލެޓް މަހަކު 7،000 ރުފިޔާއަށް ދޫކުރުމަށެވެ. ކޮންމެ ފްލެޓަކަށް މަހަކު އިތުރު 1،000 ރުފިޔާ މެއިންޓަނަންސް ފީއެއް ނަގަން ވެސް ނިންމާފައިވެ އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓް އަލުން މުރާޖައާކުރުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ދެ ކޮޓަރީގެ ފްލެޓެއް ލިބޭނީ ކުލީގެ ގޮތުގައި މަހަކު 7،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާގެ އިތުރުން ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި 15،000 ރުފިޔާ ދައްކަން އެއްބަަސްވާ ފަރާތްތަކަށް ކަމަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ދޫކުރާނީ ކުލީގެ ގޮތުގައި މަހަކު 9،000 ރުފިޔާ އާއި މެއިންޓެނަންސް ފީގެ ގޮތުގައި މަހަކު 1،500 ރުފިޔާގެ އިތުރުން ސެކިއުރިޓީ ފީގެ ގޮތުގައި 25،000 ރުފިޔާ ދައްކަން އެއްބަސްވާ ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ.

އަދި ކުރީ ސަރުކާރުން ކުލި ކަނޑައަޅައިފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެފްޑީސީގެ ހިސާބުތަކަށް ބަލާއިރު ލޯނު ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި، މާނައަކީ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓް ލޯނަކުން މިކުރާ މަސައްކަތެއް މި މަސައްކަތަކީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000 ރުފިޔާ ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ ކުއްޔަކަށް،" މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަގުތަކާ އެކު ވެސް ލޯނަށް ސަބްސިޑައިޒް ކުރުމަށް ބަޖެޓުން 100 މިލިއަން ރުފިޔާ އަހަރަކު ހޭދަވާނެ ކަމަށެވެ.