Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

އަޒާންގެ ދިފާއުގައި އައްޑޫގެ ޑެޕިއުޓީ މޭޔަރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާންގެ ދިފާއުގައި، މަޖިލިސް އިންތިޚާބުގައި އަޒާނާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ތެދުވެއްޖެ އެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އަޒާން ނުދެއްވުމުން އޭނާއާ ދެކޮޅަށް އެ ދާއިރާގެ ޕީއެންސީގެ ސްޓިއަރިން ކޮމިޓީން ބަޔާނެއް މިއަދު ވަނީ ނެރެފަ އެވެ.

ޝުއާއު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުން ކުރިއަށް ދިޔަ ދުވަސްވަރާއި އެ ދުވަހުގެ ކަންތައްތަކަކީ މިހާރުގެ މާޒީ ކަމަށާއި އަދި ރައްޔިތުން ހޮވާ މެންބަރު، ޕާޓީގެ ވިސްނުމާ ދެކޮޅުވެއްޖެނަމަ މެންބަރުކަމުން ވަކިކުރުމަށް މެދު ދާއިރާގެ މެންބަރު ވޯޓު ދެއްވި ދުވަސްތަކަކީ ވެސް މާޒީ ކަމަށެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވުމާ ދެކޮޅަށް އަދި ޤާނޫނުއަސާސީއާ ސީދާ ޚިލާފު ކަމަކާ ދެކޮޅަށް ހިތަދޫ މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު ދެއްކެވި ހިތްވަރުން އެނގިގެންދަނީ މާޒީގައި ހެދިފައިހުރި ގޯސްތަކުން އަރައިގަނެ، މާތްﷲ ގެ ހެޔޮ ރަޙުމަތުން ހެޔުން ވިސްނުން ލިބި، ހިތްވަރާއެކު ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތު އިސްކުރުމަށް އެ މެންބަރުގެ ވިސްނުން ބަދަލުވެފައިވާކަން،" ޝުއާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ވޯޓު ދެއްވައިގެން އިންތިޚާބުވެފައިވާ މެންބަރު، ސްޓިއަރިން ކޮމިޓީއަކުން ނުވަތަ ރައީސް ބޭނުންވާ އިރަކު ބޭނުން ގޮތަކަށް ބަދަލުކުރަން ޖެހިއްޖެނަމަ، ސްޓިއަރިންގ ކޮމިޓީގެ ލަފާއާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ، އައު މެންބަރަކު ޢައްޔަންކުރާ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްގެން ވެސް ކޮށްފާނެކަމުގެ ބިރު މިހާރު އެބައޮތް ކަމަށެވެ.

އެހެންކަމުން، ޑިމޮކްރަޓިކް އުސޫލްތަކާއި ޙިލާފަށް ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށާއި، ސްޓިއަރިން ކޮމިޓީން މެމްބަރު އަޒާނަށް ފުރައްސާރަކުރުމާއި، ބިރުދެއްކުން ހުއްޓާލައި، މިނިވަންކަމާއެކު މަސައްކަތް ކުރެވޭން މަގު ފަހިކޮށް ދިނުމަށް ވަނީ ގޮވާލާފަ އެވެ.