ކުރީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަވެގެން ފްލެޓް ލިބުނު ފްލެޓް ދޫކޮށްލަން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ނިންމަވައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ ކުރީ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމާފައި އޮތް 4،000 ފުލެޓުގެ ހައްގުވެރިންގެ ލިސްޓު މިއަދު އާންމުކޮށްފަ އެވެ. މި ލިސްޓުގައިވާ ގޮތުން މިނިސްޓަރު ހައިދަރު އާއި އަނބިކަނބަލުން މަރްޔަމް ތައުފީގަށް ތިން ކޮޓަރީގެ ފްލެޓެއް ލިބިފައިވަނީ 75 ޕޮއިންޓު ލިބިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައިދަރު ވިދާޅުވީ އޭނާ މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން އެ ފްލެޓް ލިބުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެމަފިރިންނަށްވުރެ ފްލެޓް ހައްގުވާ އެތައް ބައިވަރު އެހެން އާއިލާއެއް ތިބޭނެ ކަމަށާއި އެހެންވެ ފްލެޓް ދޫކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
— Dr Ali Haidar Ahmed (@min_mohe) February 27, 2025
މީގެކުރިން އާއިލާއާ އެކު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި ހައިދަރު މީގެކުރިން ހުންނެވީ ހައުސިން މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހައިދަރު ހަޔާ އެޑިއުކޭޝަނަށް ބަދަލުކުރައްވާފަ އެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ތިބި 4،939 މީހުންގެ އެޕްލިކޭޝަންތައް މި ސަރުކާރުން ވެރިފައި ކުރިއިރު، ފްލެޓް ލިބޭނެ ކަމަށް ޝަރުތު ހަމަވީ 1،820 މީހުންނެވެ. އެއީ، ތިން ކޮޓަރި ލިބޭ 1،423 މީހުންނާއި ދެ ކޮޓަރި ލިބޭ 397 މީހެކެވެ.
އެގޮތުން 2،695 އެޕްލިކޭޝަން ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވާ އިރު، 424 އެޕްލިކޭޝަނެއް ޕޮއިންޓަށް އައި ބަދަލުތަކާއެކު ލިސްޓުން ވަނީ އުނިކޮށްފަ އެވެ.
ފްލެޓު ނުލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ލިބޭނެ އެވެ.