Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

މިއީ ނުފޫޒެއް ނެތި ނެރުނު ފުރަތަމަ ފްލެޓް ލިސްޓު

މިއަދު ނެރުނު 'ގެދޮރުވެރިޔާ' ސްކީމްގެ ފްލެޓް ލިސްޓަކީ މިހާތަނަށް ނުފޫޒެއް ނެތި ނެރުނު މިފަދަ ފުރަތަމަ ލިސްޓުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާލޭ ރަސްމީފާލަން ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރެއް ވެސް އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް ކަމަށެވެ.

"މިއީ ރާއްޖޭގައި އަޅުގަނޑު ހިތުން، އަޅުގަނޑަށް ހަމަ ޔަގީނުން ވެސް ގެދޮރުވެރިކަމުގެ ދާއިރާގެ ކަންތަކުގެ މައުލޫމާތު އެނގެން ފެށި ހިސާބުން އަދި އެކިއެކި ހައިސިއްޔަތުތަކުން އެންމެ ޖޫނިއާ ލެވެލްއިން ފެށިގެން ސަރުކާރުގެ ކަމާބެހޭ ދާއިރާގައި އުޅެން ފެށި ހިސާބުން ނުފޫޒެއް ނުފޯރުވާ ހައުސިންއިން ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނިކުތް ފުރަތަމަ ފަހަރު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓް ލިސްޓު ރިވިއުކުރީ ކުރީ ސަރުކާރުން އެކުލަވައިލި ކަންކަމުގެ މައްޗަށް ބަލައިގެން ކަމަށެވެ. މި ސަރުކާރުން އެއްވެސް އާ ޝަރުތެއް އިތުރުކޮށްފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ ގަސްދުގައި އެއްވެސް ރައްޔިތަކު ފްލެޓް ލިސްޓުން އުނިކޮށްފައިނުވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ލިސްޓުގައި ނެތް ރައްޔިތުންގެ ތެރެއިން ޝަކުވާއެއް އޮތް ރައްޔިތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެއްވެސް ސަބަބަކާ ހުރެ ލިސްޓުން އުނިވެފައިވާކަމަށް ސާބިތުވާނަމަ އެ ފަރާތަކަށް ފްލެޓް ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.