Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

65 ވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހަދަން އެބައުޅޭ

އުމުރުން 65 އަހަރުވީ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ސަރުކާރުން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީ އަށް ސިލްސިލާ ގޮތެއްގައި ސަރުކާރުން ބަދަލުތައް ގެންނަމުންދާ ކަމަށާއި އެގޮތުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހަދަން ވެސް އިސްލާހެއް ހުށަހަޅަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެމްޑީޕީގައި ތިބި ވެރިކަމަށް ކުރިމަތިލެވޭ އުމުރުގެ މީހުން ޖަލަށްލާން ވެސް ސަރުކާރުން އުޅޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކޮންމެ އުމުރަކީ ވެރިކަން ކުރުމުގެ ކެންޑިޑެސީ ޖެއްސެވިޔަސް، ކޮންމެ މީހަކަށް ޖަލަށްލިޔަސް އަޅުގަނޑުމެން އެކަތިގަނޑަކަށް ވެގެން މި ޕާޓީން މޮޅުވާނެ. ކެންޑިޑޭޓުން އަޅުގަނޑުމެން ނެރޭނަމޭ،" ފައްޔާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލަށް އިޝާރާތް ކުރައްވަމުން ފައްޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުންނެވީ ހުދުމުހުތާރު ވެރިކަމެއްކޮށް، ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންތިހާބެއް ވެސް ނުބޭއްވުމުގެ ވިސްނުންފުޅެއް ކަމަށެވެ.

އަދި 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަންކުރި ގޮތަށް ސުޕްރީމް ކޯޓުން ގައިޑްލައިނެއް ނެރެ، އިންތިހާބު އޮޅާލަން ރައީސް މުއިއްޒު ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ސައްހަ އިންތިހާބެއް ބާއްވައިފިނަމަ ވޯޓު ނުދޭނެކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.